މިހާރު ކުރިއަށް ދާ ރިޔާސީ ބަޔާން އިއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމުން ބައެއް މެންބަރުންގެ ނަން އިއްވައިފިއެވެ.

ނަން އިއްވި މެންބަރުންގެ ތެރޭގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފު (ސެމްބެ) އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީސް ދެން ކުރިއަށް ގެންދާނީ ނަން އިއްވި މެންބަރުން ޖަލްސާ ކުރާ މާލަމުން ނިކުންނެވުމުން ކަމަށެވެ.

ޖަލްސާ މެދުކަނޑާލުމާ އެކު ރައީސް ސޯލިހް އާއި ނަޝީދު ވަނީ ޖަލްސާ ކުރާ މާލަމުން ނިކުމެވަޑައިގެންފައެވެ.

މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި ވާއިރު އިދިިކޮޅުން އަންނަނީ މަޖީދިއްޔާ ސްކޫލު ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ. މި އިހުތިޖާޖުން މިހާތަނަށް 8 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.