މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ބަލިމަޑު ކަމާ ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިސޯދީ ގިލަންވެރިކަމުން ރާއްޖެއަށް އަރައިގަނެވުނު ވަރަށް ބޮޑު ސަބަބެއްވާ ކަމަށެވެ.
ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ތާރީހުގައި، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރީ ވެސް މިދިޔަ އަހަރު ކަމަށެވެ. އެއީ 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށާއި އެގައުމުތަކަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް ކަމަށެވެ. މިއާއެކު މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާ ވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައި ވާއިރު ރާއްޖެއިން އިންގިރޭސި ވިލާތަށް އުތެރެ ކުރާ މަހުން ނަގާ ޑީއުޓީ ކަނޑާލާނެ ކަމަށް އެ ގައުމުގެ ރަހުމަތްތެރިން ބުނެފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ރަހްމަތްތެރި އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ވިދާޅުވީ، ލަސްވެގެން އަންނަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް އެތެރެ ކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ ކަމަށެވެ. މިއީ އުފާވެރި ހަބަރެއް ކަމަށާއި މިކަން މި ވަނީ ރާއްޖެއަށް ހެޔޮ އެދޭ އިނގިރޭސީންގެ ބުރަ މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން އާންމު ގޮތެއްގައި ބޭރުކުރާ ބާވަތަކީ ކަނޑުމަހުގެ ބާވަތްތަކެވެ. ރާއްޖޭން އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް ބޭރުކުރާ ތައިލެންޑަށް ފަހު، ދެން އެންމެ ގިނައިން ބޭރުކުރަނީ ވިލާތުގެ ގައުމުތަކަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.