ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، އެއާޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މިގޮތުން ރަންވޭއާއި އެއާޕޯޓްގެ ފަޔާ ބިލްޑިންއާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެއާޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއަޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައިވާއިރު ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ.