މާލޭގެ ސަހަރާއަކުން ނަގާފައި ވަނީ މިނިކަށިތަކެއް ނޫން ކަމަށާއި، އެ ކަމުގައި އުޅުނު ސިޓީ ކައުންސިލްގެ މުވައްޒަފަށް ފިޔަވަޅު އަޅަން ފޮނުވާފައިވާ ކަމަށް، މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ކައުންސިލްގެ މުވައްޒަފަކާ އެކު މާލޭގެ ސަހަރާއެއްގައި އާންމުންގެ ދެ މީހަކު ހަރަކާތްތެރިވެފައި ވެއެވެ. އެ ވީޑިއޯގައި ދަބަސް ހިފައިގެން ފެންނަ މީހާ، އޭނާގެ އަތުުގައި އޮތް ދަބަހަށް އެއްޗެހިތަކެއް އަޅާ މަންޒަރު ފެނެއެވެ.

https://vt.tiktok.com/ZS8y4BKDh/

އެ ވީޑިއޯ އާންމުކޮށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުން، ދަބަހަށް އަޅާފައި ވަނީ މިނިކަށިތަކެކެވެ. އަދި އެކަމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އަތެއްވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ސަހަރާ އަށް ވަދެ، އެއްޗެހިތަކެއް ކޮނެގެން ނެގި ސީދާ ތާރީހެއް ނޭނގެއެވެ. ނަމަވެސް މުހައްމަދު އަބްދުއްރަހްމާން ގެ ނަމުގައި ވީޑިއޯ ޓިކްޓޮކަށް އަޕްލޯޑްކޮށްފައި ވަނީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ.

މިކަމާ ގުޅިގެން ކައުންސިލުން މީޑިއާ އާ ވަނީ ފޮޓޯތައް ހިއްސާކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ނަގާފައިވަނީ ސިހުރު ހަދާފައި ސަހަރާގައި ވަޅުލާފައިވާ ފިލާކޮޅުތަކެކެވެ.

ކައުންސިލުން ބުނި ގޮތުގައި، ސަހަރާ އިން ނެގި ތަކެތީގެ ތެރޭގައި މިނިކައްޓެއް ނުހިމެނެއެވެ.

އެވަގުތު ސަހަރާގައި ހަރަކާތްތެރިވި ކައުންސިލްގެ މުވައްޒަފަށް ފިޔަވަޅު އަޅަން މިހާރު ވާނީ ފޮނުވައިފާ ކަމަށް ވެސް، ކައުންސިލުން ބުނެއެވެ.