ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕަސަން ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

މޫސަ އެކަމަށް ގޮވާލެއްވީ، އަސާސީ ގަވައިދާ ހިލާފަށް މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ގޮފިތަކެއް އުފައްދަން އެމްޑީޕީގެ ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައެވެ.

ނަމަވެސް އެމްޑީޕީގެ އަސާސީ ބުނާ ގޮތުން ޕާޓީގެ ވަކި ފިކުރެއް ދިރުވައި ކުރިއަރުވަން ގޮފި ހެދުމަކީ ހުއްދަ ކަމެކެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފައްދަން އެމްޑީޕީ ޕްރިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ނަޝީދު މަސައްކަތް ފެއްޓެވި ނަމަވެސް މިހާރު ކުރިއަށް ދަނީ، ފިކުރެއްގެ ދިރުމުގެ ފެކްޝަނެއް އުފައްދަން ފޯމު ފުރުމުގެ މަސައްކަތެވެ.

ފިކުރެއްގެ ދިރުން ފެކްޝަން ފޯމު ފުރުމުގެ ހަރަކާތް ބޮޑުފެންވަޅުގޭގައި ކުރިއަށް ދަނީ ---

އެކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ކުރިން ވެސް އޮތީ ނަޝީދަށް މުޅި އުމުރަށް މުސާރަ ލިބޭ މަގާމެއް ހޯދައި ދީފައި ކަމަށެވެ.

" އެމްޑީީޕީގެ ރައީސަކަށް ހުރެގެން ޕާޓީގެ މެމްބަރުންތަކެއްގެ ބޮލަށް އެރިގެން ކުރިން ވެސް އޮތީ މުޅި އުމުރަށް މުސާރަ ލިބޭނެ މަޤާމެއް ހޯދާފަ. މިހާރު ނަޝީދުގެ ބޭނުމަކީ މަޖްލިސްގެ ރައީސް ކަމުން ބާލަފާނެތީ ތިމަންނަ ފަހަތުގަ ޕާޓީ މެމްބަރުން ތިބި ކަން ދެއްކުން؟ މީނަ ޕާޓީން ބޭރުކުރޭ"
ރީކޯ މޫސަ

މޫސާ ވަނީ މި ޓްވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގް ކުރައްވާފައެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ބަލިވީ 9،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. ޕްރައިމަރީގެ ކާމިޔާބީއަށް ފަހު ސޯލިހު ވަނީ ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމަށް ނަޝީދަށް ގޮވާލައްވާފައެވެ.

ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ހުރީ އެއާ ހިލާފަށް ރައީސް ސޯލިހްއާ ވަކިން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39 ހާސް މެންބަރުން ޕާޓީ އަށް ވައްދައި އެ މެންބަރުން ހިމެނޭހެން 50،000 މީހުން ހަމަކޮށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ޓީމުން ތާއީދު ކުރާނެ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމަށް އެމަނިކުފާނު ހިޔާލު ފާޅުކޮށްފައި ވާއިރު، ރިޔާސީ ޕްރައިމަރީން މޮޅުވެފައި ވުމުން، އަންނަ ފެބްރުއަރީ މަހު އެމްޑީޕީގެ ކެންޑިޑެންސީ ރަސްމީކޮށް ރައީސް ސޯލިހްއަށް އެރުވުމަށް ޕާޓީން ވަނީ ނިންމާފައެވެ.