ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޓިކެޓު ހޯއްދެވުމަށް މާވަށު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ނިންމަވައިފިއެވެ.

އެކަން އިއުލާންކުރައްވާ ރީކޯ ވިދާޅުވީ ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލީހުގެ ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި މިފަހަރު ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމުގެ އުއްމީދުގައި މަސައްކަތް ކުރައްވާ ކަމަށް ރީކޯ ވިދާޅުވިއެވެ.

މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ކުރެއްވި ރީކޯ މޫސާ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޑިސެމްބަރު 22، 2014 މޫސަ އެމްޑީޕީއިން ވަކިކުރަން ނިންމާ އޭގެ އަހަރުތަކެއް ފަހުން 2016 ވަނަ އަހަރުގެ ފަހުކޮޅު އެމްޑީޕީއިން ވަނީ އީސީގައި އެދިގެން އެ ޕާޓީގެ ދަފްތަރުން މޫސަގެ ނަން ވެސް އުނިކޮށްފައެވެ. މޫސަ އެމްޑީޕީއިން ވަކިކުރަން ފުރަތަމަ ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕާޓީގެ ތްރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތް މައްސަލައިގައެވެ. އެއަށްފަހު 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޫސާ ގުޅިވަޑައިގެންނެވީ އޭރު ވެރިކަން ކުރެއްވި ޕާޓީ ޕީޕީއެމްއާއެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުލިބުމާއެކު މޫސަ ވަނީ އެ ޕާޓީއިން ވަކިވެވަޑައިގެން އަމިއްލަ ގޮތުން ގަމު ދާއިރާއަށް ވާދަކުރެއްވުމަށް މަސައްކަތް ކުރެއްވުމަށްފަހު އެ ނިންމުން ބަދަލުކޮށް، ވާދަނުކުރަން ނިންމަވާފައެވެ.

މޫސަ މިހާރު ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.