ފިރިހެނަކަށް ބިރުދައްކާ، ފައިސާއާއި ފޯނެއް ފޭރިގަތް އަންހެނަކު ޖަލަށް ލައިފިއެވެ.

އެ މައްސަލާގައި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކޮށްފައިވާ ފޭރުމުގެ ކުށުގެ ދައުވާ، ސާބިތުވެ ހުކުމް ކޮށްފައި ވަނީ ގދ. ގައްދޫ، އެތުމާގެ، އާއިޝަތު ނަޒުމާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ނަޒުމާ އިތުރުބަޔަކާއެކު ޖެނުއަރީ 23، 2021 ދުވަހުގެ ހަވީރު 5:30 ހާއިރު އޭނާގެ ފޯނުން ކ. މާލެ، މ. ލުނބޯމާގެ އުތުރުބައި، މުހައްމަދު ނާސިރަށް ފޯނަށް ގުޅާ ބައްދަލުކުރަން ބުނެފައިވާ ކަމަށެވެ. އަދި އޭރު ނަޒުމާ ހުރި، މއ، ފަސްކޮޅުގޭގައި ދުވަހު ކުއްޔަށް ދޭ ގޮތަށް ހުންނަ ގެސްޓް ހައުސް ނަންބަރު 104 ކޮޓަރިއަށް ނާސިރު ދިއުމުން އޭނާގެ ބަރަހަނާ ފޮޓޯނަގާފައިވާ ކަމަށެވެ.

އެ ފޮޓޯތައް ފޭސްބުކަށް ލާނެ ކަމަށް ބުނެ ނާސިރުގެ ބީއެމްއެލް އެކައުންޓުން 2000 ރުދިޔާ އެހެން މީހަކަށް ފޮނުވާ، އެ ފައިސާ ނަގާ، ނާސިރުގެ ވޮލެޓުން 350 ރުފިޔާ ނަގުމަށްފަހު އޭނާގެ ސަމްސަން ގެލެކްސީ އެސް 9 ޕްލަސް ކަޅު ކުލައިގެ ފޯނު ނަގާފައިވާ ކަމަށެވެ.

އެ ދައުވާތަކަށް ނަޒުމާ އިއުތިރާފުވެފައިވާއިރު އެ މައްސަލާގައި ދެން ދައުވާކުރި ހދ. ނޭކުރެންދޫ، ކުރިކީލަގެ، އަބްދުﷲ ޒައިން އާއި ގދ. ތިނަދޫ، ފަޒާ ހަސަން މޫސާ ވަނީ ދައުވާތަކަށް އިންކާރު ކޮށްފައެވެ.

ނަޒުމާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުން ކަމުގައި ވީ ނަމަވެސް އެ ދައުވާއަށް އިއުތިރާފުވުމުން އަދަބު އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްކޮށް 7 މަހާއި 6 ދުވަހަށް ޖަލާން ހުކުމްކޮށްފައިވެއެވެ. އެހެންނަމަވެސް އެ މައްސަލާގެ ބަންދުގައި 17 ދުވަސް ނަޒުމާ ހޭދަކޮށްފައި ވާތީ އެ މުއްދަތު އުނިކޮށް ނަޒުމާ ދެން ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭނީ 6 މަހާއި 19 ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލާގައި ޒައިން އާއި ހަސަން މޫސާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވަކިން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފައެވެ.