އެމްޕީއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައި، ފުރިހަމަކުރި 10 ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.
އެކަމަށްޓަކައި މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ ތައުލީމީ ޒުވާނުންތައް ބިނާކުރެވިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ގާބިލް އަދި ތައުލީމީ ޒުވާނުން ބިނާކުރުން ކަމަށާއި، އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ކުދިންގެ މުސްތަގްބަލު އުޖާލާވުން ކަމަށެވެ.
"މިފަދަ ޕްރޮގްރާމްތަކުގަ މި ލިބިގެންދާ އަމަލީ ތަޖުރިބާ އަކީ ވަރަށް ވެސް މުހިންމު ބޭނުންތެރި ތަޖުރިބާތަކަކަށް ވެގެން ދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ޝާހިދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށް ފަހު، ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު ވަނީ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ޕްރޮޖެކްޓްތައް ބައްލަވާލައްވައިފައެވެ. ޕްރޮގްރާމްގައި ބައިވެރިވި ބައެއް ދަރިވަރުން ބުނީ، މި ޕްރޮގްރާމްގެ ސަބަބުން އެކި ކަންކަން ދަސްވި ކަމަށާއި، އެގޮތުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާނެ ގޮތްތައް ދަސްވެގެން ހިނގައްޖެ ކަމަށެވެ.
ނިމިދިޔަ ޗުއްޓީ އާ ދިމާކޮށް އެއް މަސްދުވަހުގެ މުއްދަތަކަށް އެމްޕީއެލުން ކުރިއަށް ގެންދިޔަ މި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމް، އަދި މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ހަ ދާއިރާއަކުން ތަމްރީން ހޯދާފައެވެ. އެ ދާއިރާތަކަކީ:
- ސިވިލް އިންޖިނިއަރިން
- އިލެކްޓްރިކަލް އިންޖިނިއަރިން
- ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ފެބްރިކޭޝަން އެންޑް މެޝިނިން
އެމްޕީއެލުން ބުނީ، އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމްތައް ބޭއްވުން ކަމަށެވެ. އެގޮތުން ކޮންމެ ޓާމް ބަންދަކާ ދިމާކޮށް (އަހަރަކު ދެ ފަހަރު) އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް، އެ ކުންފުނިން ބުންޏެވެ.