މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ކޮމިޝަންގައި ނައިބު ރައީސަކަށް ހުންނެވި އިސްމާއީލް ގައިސް ވަނީ މިދިޔަ މަހު 8 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފާވުމާ ގުޅިގެން އެ ފުރުސަތު ހުޅުވާލީ އެ މަހުގެ 12 ވަނަ ދުވަހެވެ.

މިއަދު ރައީސް އޮފީހުން ބުނީ އެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ ކަމަށެވެ. އަދި އެ ފުރުސަތު މި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 12:30 ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އަދި މި މަހުގެ 7 އާއި 8 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ހަ މެންބަރުންނެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، މެންބަރުން ކަމަށްވާ އަލީ ޔޫސުފާއި އަމްޖަދު ވަހީދާއި މުހައްމަދު ފަޒީންގެ އިތުރުން، އައިމިނަތު އަނާ އާއި ޝިފްލާ އިބްރާހީމެވެ.