މިންނަގަން ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސެޕްޓެމްބަރު 13، 2020 ވަނަ ދުވަހު މެންދުރުފަހު 2:30 ހާއިރު ހެދުމެއްގެ ފަތި ޖަހަން ކަމަށް ބުނެ ގެއަކަށް ގޮސް ކުއްޖާގެ މިން ނަގުމުގެ ތެރޭގައި ކުއްޖާގެ ގައިގާ މިންނަގަމުން ގޮސް ކުއްޖާގެ އުރަމަތީގައި ހިފައިވާ ކަމަށެވެ. އަދި ކުއްޖާ ހިފެހެއްޓުމަށްފަހު ކުއްޖާގެ އުރަމައްޗަށް ފިއްތާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާ ކަމަށް އެ ހުކުމުގައި ބުނެފާވެއެވެ.

އެކަމާ ގުޅިގެން ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ސަހަޖަންގެ މައްޗަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެހެންނަމަވެސް އެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސަހަޖަންގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށާއި އެހެންކަމުން އެ ދައުވާތައް ސާބިތުނުވާ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ނިންމާފައެވެ.