އިންގްލޭންޑްގެ ޓްރާންސްފާ ރެކޯޑް މުގުރާލާ ބެންފީކާގެ މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒް ޗެލްސީން ގަތްފިއެވެ.

މިދިޔަ އަހަރު އޮތް ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ފަނާންޑޭޒް ޗެލްސީން ގަނެފައިވަނީ 107 މިލިއަން ޕައުޑަށެވެ. ޕޯޗުގަލްގެ ކްލަބް ބެންފީކާއިން ވަނީ ފަނާންޑޭޒް ޗެލްސީއަށް ވިއްކާލިކަން ކަށަވަރުކޮށްދީފައެވެ. ފަނާންޑޭޒް ބެންފީކާއާ ގުޅުނީ މިދިޔަ އަހަރު އާޖެންޓީނާގެ ރިވާ ޕްލޭޓުންނެވެ. އެއީ އެންމެ 10 މިިލިއަން ޕައުންޑަށެވެ.

އެންޒޯ ފެނާންޑޭޒް އާޖެންޓިނާގެ ޖާޒީގައި ޖެހި ފުރަތަމަ ލަނޑަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ:ފީފ

އެންޒޯ ފަނާންޑޭޒްގެ ގަނެގެން ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޗެލްސީން މިވަނީ ޖުމްލަ 228 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. މިގޮތުން ޗެލްސީން ވަނީ މި ޓްރާންސްފާ ވިންޑޯގައި މިކައިލޯ މުޑްރިކް، ޑޭވިޑް ވަޓްރޯ ފޮފާނާ، އަންޑްރޭ ސެންޓޯސް، ބެނުއާ ބަދިއަޝްލީގެ އިތުރުން މާލޯ ގަސްޓޯ ވެސް މި ވިންޑޯގައި ގަތްފައެވެ. އަދި މީގެ އިތުރުން ލޯނު ޑީލެއްގެ ދަށުން އެތްލެޓިކޯ މެޑްރިޑްގެ ހާއޯ ފީލިކްސް ވެސް ޗެލްސީން ވަނީ މި ވިންޑޯގައި ކްލަބަށް ގެނެސްފައެވެ.

ލީގުގައި 20 މެޗު ކުޅުނު އިރު ޗެލްސީ މިވަގުތު އޮތީ 10 ވަނައިގައެވެ. އަދި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށްޓަކައި ސީޒަން ނިމޭ އިރު ތާވަލުގެ 4 ވަނައާ ހަމައަށް އަރަން ޖެހޭ އިރު ހަތަރު ވަނައިގައި އޮތް ޓީމާ ޗެލްސީއާ ދެމެދު 10 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.