ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ވާދަވެރި ޕްރައިމަރީ އަށް ފަހު، ރިޔާސީ ނިޒާމުގެ ތިން ބާރުގެ ތެރެއިން ދެ ބާރު ކަމަށްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްތަނަކުން ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ދެ ރައީސުން ބައްދަލު ކުރެއްވީ އިންތިހާބުގައި ދިމާވި ކަންކަން އެއްފަރާތް ކުރެއްވުމަށް ފަހު ހިނިތުންވުމާއެކު ސަލާމް ކުރެއްވުމަށް ފަހުއެވެ. މި ބައްދަލުވުމުގައި ތެރެއިން ދެބޭފުޅުން ސަލާމް ކުރެއްވުން ފިޔަވާ ވާހަކަތަކެއް ދައްކަވާފައެއް ނުވެއެވެ. އަދި ކެމޭރާތަކުގެ ލެންސަށްވެސް އެނޫން މަންޒަރެއް އަރާފައެއް ނުވެއެވެ.
ކުޑައިރުގެ ގާތް މި ދެބޭފުޅުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާފައި ވާ އިރު ނަޝީދުގެ މައްޗައް ރައީސް ސޯލިހް ކާމިޔާބު ހޯއްދެވީ 9000 ވޯޓުގެ ތަފާތަކުންނެވެ. ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލުފުޅު ކުރެއްވި ނަމަވެސް އިންތިހާބު ކުރިޔަށް ދިޔައީ ގަޑުބަޑުކޮށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ.
މި ސަރުކާރުގެ އެންމެ ގާތް އެކުވެރި ގައުމަކީ އިންޑިއާ ކަމަށް ވާއިރު، ރޭ ބޭއްވި އިންޑިއާގެ ހާއްސަ ހަފްލާގައި ރާއްޖޭގެ ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ބައެއް ސީނިއާ ނޫސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި، މި ހަފުލާގައި ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އެއް މޭޒެއްގައި ތިއްބަވައި ހީ ސަމާސާކުރި މަންޒަރު ފެނިފައިވެއެވެ.
މި ދެބޭފުޅުންނަކީ އެމްޑީޕީގެ އެތެރޭގެ ކަންކަމުގައި ހިޔާލު ތަފާތުވެ އެކަކު އަނެކަކަށް ރައްދު ދެއްވާފައި ތިއްބެވި ބޭފުޅުން ނަމަވެސް އެ މަންޒަރާ ހިލާފަށް ދެބޭފުޅުންވެސް ވަނީ ވަރަށް ވާހަކަފުޅު ދައްކަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަކީ މުޅިން ތަފާތު ދެ މަސައްކަތެއް ކަމަށާއި އެހެންކަމުން ރައީސް ސޯލިހް އާ ދެމެދު ގުޅުމެއް އޮންނަން ނުޖެހޭ ކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ނަޝީދުގެ ވިސްނުންފުޅު ހުންނެވީ ސޯލިހްއާ ވަކިން އާ ފެކްޝަނެއް އުފައްދައިގެން މަސައްކަތްކުރެއްވުމަށެވެ. އެގޮތުން، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަން އިއުލާނު ކޮށްފައިވެއެވެ. ނަމަވެސް އަންނަ ފެބްރުއަރީ މަހު އެމްޑީޕީގެ ކެންޑިޑެންސީ ރަސްމީކޮށް ރައީސް ސޯލިހްއަށް އެރުވުމަށް ހަމަޖައްސާފައިވެއެވެ.