މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 140،000 އެއްހާ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިން އައި ނިސްބަތް މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 30 ޕަސެންޓު އިތުރުވެފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 138،593 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ އެވަރެޖްކޮށް ދުވާލަކު 5،543 ފަތުރުވެރިންނެވެ. އެ އަދަދު ހިފެހެއްޓިއްޖެ ނަމަ، މި މަސް ނިމޭއިރު ދޮޅުލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ ކުރީ އަހަރު އެ މުއްދަތުގައި ރާއްޖެ އަށް އައީ 106،826 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ ރާއްޖެ އަށް އައި ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 29.7 ޕަސެންޓު އިތުރު އަދަދެކެވެ.

އެންމެ ފާހަގަކޮށްލެވެނީ ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ފަތުރުވެރިން އައުން ތިން އަހަރު ވަންދެން މެދުކެނޑިފައި އޮތް އޮތުން ނިމުމަކަށް އައިސް މި މަހުގެ 18 އިން ފެށިގެން އެ ގައުމުން ރާއްޖެ އަށް ފަތުރުވެރިން އަލުން އަންނަން ފެށުމެވެ. ހަފްތާ އެއް ނުވަނީސް ރާއްޖެ އަށް މި އަހަރު މިހާތަނަށް އެންމެ ގިނައިން ނުވަވަނަ އަށް ފަތުރުވެރިން އައިސްފައިވާ ޗައިނާ މިހާރު ވަނީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ލިސްޓުގެ އަށްވަނަ އަށް ޖެހިލާފައެވެ.

މި މަހު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ގައުމު:

  1. ރަޝިއާ: 19،389 ފަތުރުވެރިން
  2. އިންޑިއާ: 14،350 ފަތުރުވެރިން
  3. އިޓަލީވިލާތް: 13،848 ފަތުރުވެރިން
  4. އިނގިރޭސިވިލާތް: 11،496 ފަތުރުވެރިން
  5. ޖަރުމަނުވިލާތް: 8،253 ފަތުރުވެރިން

ކޮވިޑް-19 ގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކީ ޗައިނާއެވެ. އެހެންކަމުން، ލަފާކުރެވޭ ގޮތުގައި 4،477 ފަތުރުވެރިންނާ އެކު އަށްވަނައިގައި މިހާރު އޮތް ޗައިނާ އަހަރު ނިމޭއިރު އެ ލިސްޓުގެ ގަދަ ތިނަކުން ޖާގަ ހޯދުން އެކަށީގެންވެއެވެ. ސަބަބަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް ގައުމަކީ ރާއްޖެ ކަމުގައި ވާތީއެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އިގްތިސޯދަށް އަސަރުކުރާނެ ފަދަ ކަމެއް ދިމާނުވާ ނަމަ، ދެ މިލިއަން ފަތުރުވެރިން ރާއްޖެ އަށް މި އަހަރު އައުމަކީ އެކަށީގެންވާ ކަމެކެވެ.