ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށުމާއެކު ނޯޑިކްގައި (ޔޫރަޕްގެ އުތުރު ބިތް) ހިމެނޭ ފިންލޭންޑް އާއި ސްވިޑަން ނޭޓޯއަށް ވަންނަން ހުށަހެޅިއެވެ.

ނޭޓޯގެ އުސޫލުތައް އޮންނަ ގޮތުން، ގައުމަކުން މެންބަރުކަމަށް އެދޭނަމަ، އެ ގައުމެއް ވެއްދުމަށް މިހާރު ނޭޓޯގެ މެންބަރުންގެ ގޮތުގައި ތިބި ހުރިހާ ގައުމަކުން ރުހެން ޖެހޭނެއެވެ.

ޖުމްލް 30 ގައުމު ހިމެނޭ ނޭޓޯގެ މެންބަރުކަން ހޯދަން ފިންލޭންޑާއި ސްވިޑަން އެދިފައި ވާ އިރު، ފިންލޭންޑަށް ރުހުން ދިނަސް ސްވިޑަން އަށް ރުހުން ނުދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަނީ ވިދާޅުވެފައެވެ. ސްވިޑަން އަށް ރުހުން ނުދޭން ނިންމީ، ސްވިޑަންގެ ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި، އެގައުމުގެ ކަނާއަތުފިޔައިގެ ހަރުކަށި ލީޑަރަކު ކީރިތި ޤްރުއާންގެ ކޮޕީއެއް އަންދާލުމާއި، ތުރުކީން ބެލްކްލިސްޓް ކޮށްފައި އޮންނަ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ ބައެއް މެންބަރުންނަށް ސްވިޑަން އިން ހިމާޔަތް ދޭ މައްސަލައިގައެވެ.

އުރުދުގާން ގަބޫލު ކުރައްވާ ގޮތުގައި 2016 ގައި އޭނާގެ ވެރިކަން ވައްޓާލައި ބަޣާވާތް ގެންނަން އުޅުނީ ޕީކޭކޭގެ މީހުންނެވެ. އަދި އެމީހުންނަކީ ސްވިޑަންއިން ހިމާޔަތް ހޯދައިގެން ތިބޭ ބޮޑު ޖަމާއަތެކެވެ. މިހާރުވެސް އެ ޖަމާއަތުގެ 120 މިހަކު ތުރުކީ އާ ހަވާލުކޮށްދޭން އުރުދުގާން ވަނީ އެނދިވަޑައިގެންފައެވެ. ނަމަވެސް ސްވިޑަން އިން އެކަމަށް އިޖާބައެއް ނުދެއެވެ.

ޤްރުއާން އަންދާލި މައްސަލައިގައި ވެސް ސްވިޑަން ސަރުކާރުން އިދިކޮޅު ލީޑަރާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށާއި އެކަމަށް ވަކާލާތު ކުރާ ސޗްވިޑަންގެ ސަރުކާރުން އެކަން ކުށްވެރި ކުރުން ފިޔަވައި އެއްކަމެއްވެސް ނުކުރެއެވެ.

ފިންލޭންޑާއި ސްވިޑަން އާ މެދު އުރުދުގާންގެ ސިޔާސަތު ހާމަ ކުރައްވާފައި ވާ އިރު މިއީ އަންމަ މެއި މަހު ތުރުކީގައި އޮންނަ އިންތިހާބަށް މުހިންމު ނިންމުމަކަށް ވާނެއެވެ. އޭނާ ނިސްބަތްވާ ކޮންސަވޭޓިވުންނާއި ނެޝަނަލިސްޓުން ހިތްހަމަ ޖެހޭނެ މަގަށް ވާހަކަތައްް ބައްޓަން ކުރައްވަނީ ކަމަށް ބައެއް މުރާސިލުން ބުނެއެވެ.