ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ ޝަމިމް މަރާލި މައްސަލާގައި ކުރިއަށް ގެންދާ ޝަރީއަތުގައި ހެކިބަސް ނަގާ ނިމިއްޖެއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އެތަނުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
3 މަސްފަހުން އަބީދަށް ވަކީލަކު ހަމަޖެހި މައްސަލާގެ އަޑުއެހުންތައް މި މަހުގެ 11 ވަނަ ދުވަހު ފަށާފައިވާއިރު މިއަދު އެ މައްސަލާގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހެޅި އެންމެ ފަހު ހެއްކެއް ކަމަށްވާ ފުލުސް އޮފިސަރެއްގެ ހެކިބަސް ނަގާފައެވެ. އެ އޮފިސަރަކީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި މީހެކެވެ.
މި މައްސަލާގައި ދިފާއުން ހެއްކެއް ހުށަހަޅާފައި ނުވާއިރު ދެ ފަރާތުންވެސް ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް އެއް އަޑުއެހުމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ގޮތަށް އެ އަޑުއެހުން އެއް މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޝަމިމް މަރާލީ ބިރިޔާނީއަށް ކޮށި އަލުވި މަދުވެގެން ޖެހުނު މައްސަލައެއްގައި ސަމްސާ އެއްލުމުން މައްސަލަ ހޫނުވެގެން ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ހެކިބަސްދިން ހެކިވެރިޔަކު ވަނީ ބުނެފައެވެ. އަދި އޭނާ މަރާލުމަށް ހަމަލާ ދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ބުނެފައެވެ.
އެ މާރާމާރީގައި މަރުވި ޝަމިމް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝަމިމްގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝަމިމް މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ. ޝަމިމްގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.