ބ. ތުޅާދޫގައި އާ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓަރީން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 540 ދުވަސް ތެރޭ ނިންމާ ގޮތަށް ހަވާލުކޮށް ފައިވާ މަޝްރޫއެކެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 123 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ތުޅާދޫގައި ހޮސްޕިޓަލެއް ހަދަން ހަވާލުކުރި އިރު، އެ ރަށުގައި މިހާރު ސިއްހީ ހިދުމަތް ދެމުން އަންނަނީ ސިއްހީ މަރުކަޒަކުންނެވެ. ތުޅާދު އަކީ ބ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެކެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް، ރަނގަޅު ހިދުމަތްތަކެއް ލިބޭ ފެންވަރުގެ ހޮސްޕުޓަލްތަކެއް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން 30 އެނދުގެ ހޮސްޕިޓަލުތަކެއް ރާއްޖޭގެ 15 ރަށެއްގައި ތަރައްގީކުރުމަށް މަސައްކަތްކުރަމުން އެބަދެއެވެ. ރައީސް ސޯލިހު ވަނީ މި ރަށްތަކުގެ މަސައްކަތްތައް ބާރު މިނެއްގައި ކުރިއަށްދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.