އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ކުރެހުންތަކާއެކު މިއަދު އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީ ކުރާ އެ މަޝްރޫއު އިއުލާންކޮށް އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫ އާރާސްތުކޮށް ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރުވެގެންދާނެ ކަމަށާޢި އިތުރު ވަޒީފާތައް މެދުވެރިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު އައްޑޫ ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.

މި މަޝްރޫއު އިއުލާންކޮށްފައި މި ވަނީ ރޭ އައްޑޫ ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއާއެކު 8،000 އެނދުގެ ވައުދު ފުއްދިގެންދާތަން ލަސްތަކެއް ނުވެ ފެންނާނެ ކަމަށެވެ.

އައްޑޫ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ހަންކެޑެ ރިސޯޓެއް ތަރައްގީ ކުރުމަށް 2006 ގައި ވެސް ބަޔަކާ ހަވާލު ކުރި ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ. އަދި ޑިސެންބަރު 2، 2021 ގައި ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.