ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ދާދި ފަހުން ވިލިމާލޭގައި ފެށި ބަހުގެ ހިދުމަތް ދެމުން އަންނަ ރޫޓް 13 އަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

ޖެނުއަރީ 27 ވާ ހުކުރު ދުވަހުގެ 05:30 އިން ފެށިގެން ވިލިމާލެ ރޫޓް 13 އަށް ގެންނަން ހަމަޖެހިފައިވާ ބަދަލަކީ ވިލިމާލެ ރައްޔިތުންގެ ހިޔާލާއި މަޝްވާރާގެ މައްޗަށް ބިނާ ކޮށް ގެނެސްފައިވާ ބަދަލެއްކަން އެކުންފުނިން މައުލޫމާތު ދެއެވެ.

ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ފާހަގަ ކުރައްވާ އިތުރަށް އެ ކުންފުނިން ބުނީ މި ދެންނެވި ވަގުތުނއ ފެށިގެން އަމަލު ކުރަމުންދާނީ އާ ބަސް ރޫޓްގައިވާ ގޮތުގެ މަތިންކަމަށެވެ.

ފަހުގެ ބަސް ރޫޓް ހިމެނޭ މެޕް

މި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި އާންމުންގެ ބޮޑު ތަރުހީބެއް ބަހުގެ ހިދުމަތައް ލިބެމުން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް 1000 އެއްހާ މީހުން ބަހުގެ ހިދުމަތް ބޭނުން ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

ޖުމްލަ 6 ބަހާއި އެކު ފެށި ޚިދުމަތް ފޯރު ކޮށްދެމުން އަންނަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް، އީވީ ބަސްތަކެއްގެ އެހީގައެވެ. މި ޚިދުމަތައް 2 ހަފްތާވަންދެން އެއްވެސް އަގެއް ނުނަގާ ދަތުރުކުރެވޭނެ ކަމަށާއި އަދި މިއީ އެއްފަހަރާ 15 މީހުންނަށް ދަތުރުކުރެވޭނެ ބަހެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މިއީ ވިލިގިނލީގައި ދަތުރު ފަތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކަކަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި ފޯރު ކޮށްދެވުނު ރަނގަޅު ހިދުމަތެއްކަމަށް އެމްޓީސީސީއިން ދެކެއެވެ.