ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބު ސައްހަކަމާއި އިތުރުބާރު ދެމެހެއްޓުމަށްޓަކައި އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ހުށަހެޅި ސިޓީއާ ގުޅިގެން އެމްޑީޕީއިން ފާޑުކިޔައިފިއެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ އެ ސިޓީގައި ދެ ކެންޑިޑޭޓުން ސޮއިކޮށް ލިސްޓް ތައްޔާރު ކުރަށް އޮތް ނަމަވެސް އެ ސިޓީ ލިބުނީ ރޭ 9:43 ހާއިރު ކަމަށާއި އޭރު ހުރިހާ ލިސްޓްތައް ތައްޔާރުކޮށް ނިމިއްޖެ ކަމަށެވެ. އަދި އެ ސިޓީ އަކީ އޭޕްރީލް 25، 2022 ލިޔެފައިވާ ސިޓީއެއް ކަމަށާއި ރަނގަޅު ނިޔަތެއްގައި އެކަން ކުރިނަމަ އެ ސިޓީ ރޭ ނުފޮނުވާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

ސިޓީގައި ހިމަނާފައި ހުރި ގިނަ ކަންކަމަކީ މިހާރުވެސް ކުރާ ކަންކަން ކަމަށާއި އެ ސިޓީއަކީ ޕްރައިމަރީ އާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އިތުރަށް އިބްރޭ ވަނީ ސިޓީގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ސޮއިކުރައްވާފައި އޮތުމުން ހަސަން ޗެއާޕާސަން ކަމުގައި ޕާޓީގެ އަސާސީ ގަވާއިދުން އެ ހުރިހާ ކަމެއް ކުރަން ބާރުލިބިފައި އޮވެ ނުކޮށް އޮތުމުން ވެސް ފާޑު ވިދާޅުވެފައެވެ. އަދި ޗެއާޕާސަން ކަމުން ވަކިވެ ވަޑައިގެން ކެނޑިޑޭޓެއްގެ މަންދޫބަކަށް ވުމުން ކުރިން ބޭއްވި އިންތިހާބުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަނީ ކަމަށާއި އެކަން ނުކުރެއްވުމަށް ވެސް އިބްރޭ އެދިވަަޑައިގަތެވެ.

އިބްރޭ ވިދާޅުވީ ސިޓީގަައި ކުރި ކަންކަން ވެސް ހިމެނާފައި ވާއިރު ހަސަން ސޮއިކުރައްވަނީ ކޮށްފައި ހުރި ކަންކަންވެސް ނުކުރާ ކަންކަމަށް ހަދާފައި ނުވަތަ ޗެއާޕާސަނަކަށް ހުންނެވި އިރު އެކަންކަން ހިނގާކަން ހަސަންއަށް އެނގިވަޑައި ނުގަންނަވަނީ ކަމަށް ދޭހަވާ ކަމަށެވެ.

އެ ސިޓީ ޗެއާޕާސަން އިންތިހާބާ ދިމާކޮށްވެސް ލިބުނު ކަމަށާއި ރޭ ލިބުނު ސިޓީގައި ބަދަލުވެފައި ވަނީ ތާރީހާއި ސޮއިކުރި ފަރާތުގެ އިތުރުން މަތީގައިވާ ސުރުހީ ކަމަށްވެސް އިބްރޭ ވިދާޅުވިއެވެ. އަދި އޭރުވެސް އޭގެ ތެރެއިން ކުރެވެން އޮތް ކަމެއް ނަމަ ކޮށްފައިވާނެ ކަމަށާއި ނުކުރެވި ހުރި ކަންކަމުގެ ޝަކުވާ ފަހުންވެސް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ އީސީގެ ދަފްތަރުގައި ނެތް 39،000 މީހުން އެ ޕާޓީއިން ވަކިކޮށްފައި ވާނެ ކަމަށާއި އެ މީހުންނަށް ގުޅާ، މެސެޖުކޮށް [އިދިކޮޅު ފަރާތްތަކުން] ވޯޓު ލެވޭނެ ކަމަށް ބުނެ ވޯޓުލާން ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަން އެ ގޮތަށް ނުކުރަން އޭނާ ވަނީ އެދިވަަޑައިގެންފައެވެ.