ހަމަހަމަކަމާއެކު ހަބަރުތައް ނުގެނެސްދޭތީ އާއި އިތުރު ކަންބޮޑުވުންތަކެއް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން މިއަދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި އިސްވެރިންނާ ބައްދަލުކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އިދިކޮޅުން ބުނީ އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި ކަންކަމުގެ ތެރޭގައި ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭ ކަމާއި ހަމަހަމަ ކަމާއެކު ހަބަރުތަކުން ފުރުސަތު ނުލިބޭ މައްސަލަ ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނެއްކަން ފާހަގަކޮށް އިދިކޮޅުން ވަނީ ރައްޔިތުންނަށް ދެ ފަރާތް ފެންނަގޮތަށް ހަބަރުތައް ގެނެސްނުދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކަންކަން ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުމާއި ރައީސް ސޯލިހުގެ ކެޕްމެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވާކަމާއި ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާކޮށް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަން ވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅުން އެކަންކަން ފާހަގަކޮށްފައި ވަނީ މިހާރު ކުރިއަށް ގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ހިއްސާކޮށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "އިބޫ 2023" ބޭނުން ކޮށްފައި ވެސް ވަނިކޮށެވެ.
އިދިކޮޅުން ވަނީ ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމަށް ވެސް ބުނެފައެވެ. އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރެ، އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ހަބަރުގައިވެސް ނުގެނެސްދޭތީ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދާނުލާތީ އެކަންވެސް އިދިކޮޅުން ވަނީ ޕީއެސްއެމްއާ ހިއްސާ ކޮށްފައެވެ.
ޕީއެސްއަމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިއްމާ ފުރިހަމައަށް އަދާކުރުމަށް ވެސް އިދިކޮޅުން ވަނީ ޕީއެސްއެމްގެ މެނޭޖްމަންޓަށް އިލްތިމާސް ކޮށްފައެވެ.
ތިވިދާޅުވާ އިދިކޮޅުން ސަރުކާރުހިންގަންތިބިއިރު އަބަދާއަބަދު ދެއްކީ އޭރުގެ ސަރުކާރުގެ ބޮޑާކަމާ ކިބުރުވެރިކަމާ ފޮނިކަމާ ނުލަފާކަމާ ދެއްކުންތެރިކަން އަދި ވެރިމީހާގެ އިންޒާރުތަށް ދެންމިހާރު ތި ޕީއެންސީ އާއި ޕީޕީއެމް ކިހިނެއް ވެގެންތަ ތެޅިބާލަނީ.