އައްޑޫ ސިޓީ ކައުންސިލުން އައްޑޫސިޓީ މީދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް އިއުލާން ކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫގެ އެމްޑީޕީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ ރޭގަނޑު ދަންނަވަރު އެ ބާވަތުގެ ކަންކަން ކުރައްވަން ނޫޅުމަށް ސަރުކާރަށާއި އެހެން ޕާޓީތަކުގެ ލީޑަރުންނަށްވެސް ގޮވާލައްވާފައެވެ. އަދި ދަންވަރު މީގެ ކުރިން ކޯޓުތައް ހުޅުވާ ހުކުމްކުރެއްވި ކަން ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ކުރީ ޒަމާނެއްގައި ކޯޓު ހުޅުވުންއެއީ ދަންވަރު ގަޑީގައި ހުކުމް އިއްވުންވެސް އޮތީ އާންމުކަމަކަށް ވެފައި. ދަންވަރު ކުރާ ކަންކަމަކީ އަޅުގަނޑުމެން ވަކި ގޮތަކަށް ދެކޭ ކަމެއް. އެހެންވީމާ އެކަންކަމުގެ ވާހަކަ ނުދެއްކުން އެއީ ބޭނުްންތެރިކަމެއް."
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ދަންވަރު ކުރަން ހުރި މަސައްކަތްތައް ހުރި ކަމަށާއި ގަން އެއާޕޯޓު ނިންމާފައި އެތަނަށް ބޭރުން މަތިންދާ ބޯޓު ޖެއްސޭނެ ގޮތް ހެދުމާއި ރިސޯޓުތައް ހަދާ އެތަންތަނަށް މީހުން ގެނުވާ، އެތަނުގައި ވަޒީފާގެ ފުރުސަތު އުފެއްދޭނެ ގޮތް ވެސް ދަންވަރު ހެދިދާނެ ކަމަށެވެ. އަދި ރޭގަނޑު ދަންވަރު ހުޅުވައިގެންވެސް ގެސްޓް ހައުސް ހަދާ އެ ގެސްޓް ހައުސްތަކަށް މީހުންނަށަ އާދެވޭނެ ގޮތް ހެދިދާނެ ކަމަށާއި މަހުގެ އަގު އުފުލާ މަސްގަނެވޭނެ ގޮތް އައްޑޫގައި ހެދުމާއި އައިސްލިބޭނެ ގޮތް ހެދުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރޭގަނޑު ދަންވަރު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި ނެތް ކަމެއް ކުރަން އުޅުމަކީ ފެނިވަޑައިގަންނަވާ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރޭގަނޑު ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތްތައް ކަމަށް އަބަދުވެސް ގޭ މީހުން ބުނާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަބަދުވެސް އަޅުގަނޑު ކައިރީ މާމައާއި ގޭމީހުން އަބަދުވެސް ބުނޭ ރޭގަނޑު ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ. ރެއެއްގެ 4 ދަމުން ދިޔައީމާ ދެން ގޯއްޗެއް އިއުލާން ކުރީމާ ހިތަށް އަރާނެ މިހުރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ."
ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިހާރު ކޮންމެ އިންތިހާބެއްގައި މި ގޯތިތައް ދެމުންދާ ކަމަށާއި އެ ގޯތި ހުރީ އަދި ކަނޑު އަޑީގައި ކަމަށެވެ. އަދި ގްރޭޑް 10 އާ ހިސާބަށް ކިޔަވާ އޯލެވެލް ހަދަން މަޖުބޫރު ގައުމެއްގެ ރައްޔިތުންމާ މެދު އެގޮތަށް ދެކުމަކީ ވަރަށް ބޮޑަށް ރައްޔިތުން ނިކަމެތިކޮށް ވިސްނާ ވިސްނެއް ކަމަށެވެ.