މާލޭގެ ދުވަސްވީ ކެފޭއެއް ކަމަށްވާ "ކެފޭ ތާސީރު" ބަންދު ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގްރިމެންޓާ ހިލާފަށް ހިންގަމުން އަންނަ މި ކެފޭ އަކީ މާލޭ 358 ނަންބަރު ކޮށީގައި، ވިލާގޭހާ އިންވެގެން ބޮޑުތަކުރުފާނު މަގުގައި ހުރި 7 ނަންބަރު ފާހާނާބަރީގެ މަތީގައި ހިންގަމުން ދާ ކެފޭއެކެވެ.

މި ގޮތަށް މި ނިންމުން ނިންމާފައި ވަނީ މި ކެފޭއަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކޮށްފައި ހުންނަ ސަރަހައްދެއްގައި ހުންނަ ކެފޭއެއްގެ އިތުރުން "ފިޔުލް ސަޕްލައި މޯލްޑިވްސް" (އެފްއެސްއެމް) އިން ހިންގަމުން އަންނަ ޕެޓްރޯލް ޝެޑާ ކައިރި ހިސާބެއްގައި ހުރުމާ އެކު ކެފޭ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ބިރު އޮތުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ، އެ ބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދީފައިވާ ތަނެއް ކަމަށާއި ނަމަވެސް އެގްރީމެންޓާ ހިލާފުވެ ޕޭ ޓޮއިލެޓް ހިންގަމުން ނުދާތީ އެތަން އަތުލަން ކައުންސިލުން ނިންމީއެވެ.

ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވުމުގެ ހާދިސާއަށް އަލިޅުވާލައްވަމުން މުއިއްޒު ވިދާަޅުވީ، އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި ކަމަށާއި އެހެން ކަމުން އެކަހަލަ ނުރައްކާތެރި ހާދިސާއެއް ހިނގާ އާންމުންނަށާއި މުދަލަށް ގެއްލުން ވުމުގެ ކުރިއަށް މިކަހަލަ ފިޔަވަޅެއް އެޅުމަކީ އެންމެ ރައްކާތެރި ނިންމުން ކަމަށެވެ.

މީގެ ކުރިންވެސް ކައުންސިލުން ކެފޭ ހުސްކުރަން ދިޔަ ކަމަށާއި ނަމަވެސް ކެފޭ ހިންގާ ފަރާތުން ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެހެން ނަމަވެސް ކޯޓުން ކައުންސިލާ ދެކޮޅަށް އެ އަމުރު ނެރެދީފައި ނުވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އަދި ހަމަ އެއާއެކު ކެފޭ ތާސީރު ހިންގާ ވެރިފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މައްސަލަ މިހާރުވެސް ހައި ކޯޓުގައި ހިނގަމުންދާ ކަމަށް ކައުންސިލްގެ ފަރާތުން ހާމަ ކުރިއެވެ.