އދ. މަހިބަދޫއަށާއި ދަނގެއްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އެ ރަށްތަކަށް ވަޑައިގެން ރައީސް ވިދާޅުވީ މަހިބަދޫގެ ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އަށް ހެކްޓަރު ވަރު ހިއްކަން ރައްޔިތުން ބޭނުންވާތީ އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މިހާރު ފަށާފައި އޮތް މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ވަރަށް މުހިންމު ނިންމުމެއް ނިންމާ އިންތިހާބެއް ކަމުން އެއީ ވަރަށް މުހިންމު އިންތިހާބެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ޕްރައިމަރީ ނިމިގެންދާ ގޮތަކުން އަނެއްކާވެސް ރާއްޖެ މަގުމަތި ވެދާނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫން ކަަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ދަނގެތީގެ ރައްޔިތުން އެދޭ ގޮތަށް އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ބޭނުންކުރާނެ ސަރަހައްދެއް މި އަހަރުގެ ތެރޭގައި ހިއްކައިދީ މޫދަށް އެރޭ ސަރަހައްދެއް ގާއިމުކޮށްދޭނެކަން ކަމަށް ވިދާޅުވެފައެވެ. އަދި ބަނދަރުގެ ދަތިކަމަކީ ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ބަނދަރު ބޮޑުކޮށް އިންޑަސްޓްރިއަލް ޒޯނު ބަނދަރުން ހިއްކާ ބަޔަށް ބަދަލުކުރުމަކީ ކައުންސިލްގެ ޕްލޭންގައި އޮތް ކަމެއް ކަމަށެވެ.
ކައުންސިލުން ރައްޔިތުން ބޭނުންވާ ގޮތަށް، ގޯތި ދޫކުރަން، ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.