އައްޑޫ ސިޓީން މިވަގުތަށް 500 ގޯތި ދޫކުރަން ނިންމާ ކުރިމަތިލާން އިއުލާން ކޮށްފިއެވެ.

ކައުންސިލުން މި ފުރުސަތު ހުޅުވާލާފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ. ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ކޮންމެ ރަށަކުން 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.

އޭގެ ތެރެއިން 90 ޕަސެންޓު ގޯތި ދޫކުރާނީ އެ ރަށެއްގެ މީހުންނަށް ކަމަށާއި އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް އިއުލާނުގައި ވެއެވެ.

ގޯއްޗަށް އެދޭ ފޯމު އަންނަ މަހުގެ 2 ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ އަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފޯމު ބަލައިގަންނާނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.

އައްޑޫ ކައުންސިލުން 500 ގޯޗަށް ހުޅުވާލި ނަމަވެސް މިމަހު 16 ވަނަ ދުވަހު އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫއިން 950 ގޯތި ދޫކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

އެގޮތުން ހުޅުދޫ އިން 100 ގޯތި އަދި މީދޫ އިން 100 ގޯތި، ފޭދޫ ހިއްކި ސަރަހައްދުން 350 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހިތަދޫއިން ވެސް ގޯތި ދޫކުރަން އިއުލާން ކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ހިތަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި އިއުލާން ކުރުން ލަސްވެގެން ދަނީ އެ އަވަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.