ޔަޝިއާ ބަލިކުރަން ޖަރުމަނުގެ އަސްކަރީ ޓޭންކުތައް ނުލިބިގެން ޔޫކްރައިނުން އާދޭސް ކުރަމުން ދަނިކޮށް އެ ލިބޭނެ މަގު ފަހިވެއްޖެއެވެ.
ގަޑިއަކު 50 މޭލު ކަނޑާ 1500 ހޯސްޕަވަރުގެ ވަރުގަދަ ޓޭންކަކީ، މިވަގުތު ރަޝިއާ ބަލިކުރަން ޔޫކްރައިނުން ބޭނުންވާ އެންމެ މުހިންމު ހަތިޔާރެވެ. 5 ކިލޯމީޓަރުގެ ދުރަށް އުންޑަ ފޮނުވާލެވޭ މި ޓޭންކަކީ، ޔޫކްރައިން އަދި ރަޝިއާގައި ވެސް ނެތް ވަރުގެ ވަރުގަދަ ޓޭންކެއް ކަމަށް މުރާސިލުން ބުނާ އިރު ހުޅަނގުން ކުރާ ގިނަ ހަނގުރާމަތަކުގައި މި ޓޭންކުތައް ވަނީ ބޭނުން ކޮށްފައެވެ.
ޖަރުމަނުގެ މި އުފެއްދުން ޔޫރަޕްގައި ބޭނުން ކުރި ނަމަވެސް، ޖަރުނަމުގެ ހުއްދަ ނެތި އެހެން ގައުމަކަށް ދީ ނުވަތަ ފޮނުވާ ހެދުމަކީ ޖަރުމަނުގެ ގާނޫނުތަކުން މަނާކޮށްފައި އޮންނަ ކަމެކެވެ. އެހެން ކަމުން އެހެން ގައުމަކަށް ފޮނުވަންޏާ ލިޔެ ޖަރުމަނުގެ ހުއްދަ ހޯދަން ޖެހެއެވެ.
ލެޕަޑް 2 މަރުކާގެ ޓޭންކުތައް ޔޫކްރައިން އަށް ފޮނުވުމުގެ މައްސަލައިގައި އެމެރިކާ ހިމެނޭހެން ހުޅަނގާއި ޔޫރަޕްގެ 50 ގައުމުގެ ޑިފެންސް މިނިސްޓަރުންގެ މެދުގައި ހުސްވި ހަފްތާގައި ވަނީ މަޝްވަރާ ވެސް ކޮށްފައެވެ. އެ މަޝްވަރާތަކުން އެއްވެސް އަލިމަގެއް ނުފެނި ޔޫކްރައިން އާއި ޓޭންކުތައް ފޮނުވަން ތާއީދު ކުރި ގައުމުތަކުން ޖަރުމަނަށް ފާޑުކިޔާފައި ވާ މިދަނޑިވަޅުގައި، ޓޭންކުތައް ޔޫކްރައިންއަށް ފޮނުވަން ހުރަސް ނާޅާ ކަމަށް ޖަރުމަނުން މިއަދު ބުނެފިއެވެ. އަދި އެ ޓޭންކް ބޭނުން ކުރާ އެއްވެސް ގައުމަކުން ޔޫކްރައިނަށް ފޮނުވަން އެދޭނަމަ ހުއްދައަށް އެދުމުން ނުހިފަހައްޓާނެ ކަމަށްވެސް މިއަދު ވަނީ ބުނެފައެވެ.
ޖަރުމަނުން މިއަދު އެހެން ބުނި އިރު، ޔޫކްރައިން އާ ޖެހިގެން އޮންނަ ޕޮލެންޑުން ވަނީ އެގައުމުގައި ހުރި ލެޕަޑް 2 މަރުކާގެ ޓޭންކުތައް ޔޫކްރައިނަށް ފޮނުވަން ތައްޔާރު ކޮށްފައެވެ. އަދި ދެދުވަހެއްގެ ތެރޭގައި ޖަރުމަނުގެ ހުއްދައަށް އެދޭނެ ކަމަށާއި ހުއުްދަ ނުލިބުނަސް ޓޭންކުތައް ޔޫކްރައިނަށް ފޮނުވާނެ ކަމަށްވެސް ޕޮލެންޑުން ވަނީ މިއަދު ބުނެފައެވެ.
ޓޭންކް ދޭނެ ކަމަށް ޕޮލެންޑުން ބުނެފައި ވާ އިރު ޖަރުމަނުވެސް ވަނީ 14 ޓޭންކް ދޭން ތައްޔާރު ކަމަށް ބުނެފައެވެ. ނަމަވެސް 14-15 ޓޭންކަކީ ރަޝިއާ ފަހަތަށް ޖައްސާލެވޭ ވަރާ ގާތް ކުރާ އަދަދެއް ވެސް ނޫނެވެ. ރަޝިއާގެ ޓީ90 ޓޭންކާ ކުރިމަތިލެވޭ ވަރުގެ ގާބިލުކަމެއް ހުރި މި ލެޕަޑް 2 މަރުކާރުގެ 300 ޓޭންކް ޔޫކްރައިނުން ބޭނުން ވެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔޭގައި ވެސް ހުރީ މި ބްރޭންޑްގެ 2000 ޓޭންކެވެ.
މި ޓޭންކަކީ، ސީރިއާ އަދި އަފްގާނިންސާނުގައި ވެސް ބޭނުން ކުރި ކާމިޔާބު ޓޭންކެކެވެ. ޖަރުމަނާއި ޕޮލެންޑުން މި ޓޭންކް ފޮނުވަން ނިންމަމުން ދާ އިރު، އިނގިރޭސީންނާއި ފަރަންސޭސީން ވެސް ވަނީ އެމީހުންގެ އަތުގައި ހުރި އެންމެ ޒަމާނީ ޓޭންކް ޔޫކްރައިނަށް ފޮނުވަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.
ހުޅަނގުން ޔޫކްރައިން ހަނގުރާމައަށް ވަންނަންމުން ދާ މިދަނޑިވަޅުގައި ރަޝިއާއިން ވަނީ އަމިއްލަ ދިފާއަށް އެކި އެކި އިމާރާތްތަކުގެ މަތީގައި ހަމަލާއިން ދިފާއުވާ މޮބައިލް ނިޒާމު ބަހައްޓާފައެވެ.