މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 257 މީހަކު މިދިޔަ އަހަރު ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށް އެންޑީއޭ އިން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ، މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި ހަދާ ހާފްވޭ ހައުސްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އިމާދު ވިދާޅުވީ، ހިންމަފުށީގައި އަންހެނުންނަށް ފަރުވާ ދިނުމުގެ ހިދުމަތް، އެތަނުން ފަރުވާ ހޯދާ ހަ މީހުންނާ އެކު ހާފްވޭ ހައުސް އަށް މިހާރު ބަދަލުކޮށް ހިދުމަތް ދެމުން ގެންދާ ކަމަށެވެ. އޭގެ އިތުރުން އައްޑޫ ހުޅުމީދޫގައި ގާއިމްކޮށްފައިވާ ވިލުނު ސެންޓަރުގައި މިހާރު 30 މީހުންނަށް ފަރުވާ ދިނުން އިތުރުކޮށް، ތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މެތަޑޯން މެއިންޓަނެންސް ޕްރޮގްރާމް މިއަދު ފަށާނެ ކަމަށް ވިދާޅުވިއެވެ. އިމާދު ވިދާޅުވި ގޮތުގައި:

  • ހިތަދޫގައި މެދުކަނޑާލާފައިވާ ފަރުވާ ދިނުމުގެ ޕްރޮގްރާމް 15 މީހުންނާ އެކު މި ބުރާސްފަތީގައި ފަށާނެ
  • ގުޅީފަޅުގައި ހިންގާ މަރުކަޒު ހިންމަފުށްޓަށް ބަދަލުކޮށް، އެވަރެޖްކޮށް 21 މީހުންނަށް ހަފްތާއަކު ފަރުވާ ދެވޭނެ
  • ގުޅީފަޅުގައި އޭރު ހިދުމަތް ދެމުން ގެންދިޔައީ ހަފްތާއަކު 10 މީހުންނަށް

ހަމަ އެއާއެކު ކޮމިއުނިޓީ ބޭސްޑް ފަރުވާގެ ނިޒާމް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، އެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފުރަތަމަ ފަށަން ހަމަޖެހިފައިވާއިރު، އެ ސިޓީގެ ހޮސްޕިޓަލާއި ކައުންސިލާއި އެންޑީއޭ އާ ގުޅިގެން އެ ޕްރޮގްރާމް ފެށުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށް އިމާދު ވިދާޅުވިއެވެ.

"މިވަގުތު އެންޑީއޭގެ ހަ މުވައްޒަފަކު ކްލައިންޓުން ނެގުމަށްޓަކައި ކުޅުދުއްފުށީގައި ދަނީ ހަރަކާތްތެރިވަމުން،" އިމާދު ވިދާޅުވިއެވެ.

އެންޑީއޭ އިން އާންމުކުރި ބައެއް ތަފާސްހިސާބު:

  • 2022 ގައި 727 މީހެއްގެ ޓެސްޓުތަކެއް ވަނީ ހެދިފަ، އެއީ 694 ފިރިހެނުންނާއި 33 އަންހެނުން
  • އެއީ ކޯޓުން އަމުރުކޮށްގެން 619 މީހެއްގެ އަދި އަމިއްލަ އަށް އެދިގެން 100 މީހެއްގެ
  • ފުލުހުންގެ ފަރާތުންނާއި ޖުވެނައިލް ޖަސްޓިސް، ކޮންމެ އިދާރާ އަކުން 1
  • 257 މީހުން ފަރުވާ ފުރިހަމަކުރި، އެއީ 233 ފިރިހެނުންނާއި 24 އަންހެނުން

މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށްޓަކައި ބޭނުންވާ ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ބޭސް މިހާރު ލިބިފައިވާ ކަމަށާއި އިއްޔެ އިން ފެށިގެން ބޭސްތައް ސެންޓަރުތަކަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއަހަރު އެންޑީއޭގެ އަމާޒަކީ އެ އޭޖެންސީން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުން ކަމަށެވެ.