އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅެއްގައި ކ. ގުރައިދު އަށް ވަޑައިގެން އުޅުއްވަނިކޮށް، އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ކައުންސިލް އިދާރާ އަށް ވަނުމަށް ހުރަސް އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ޔާމީން ކައުންސިލް އިދާރާ އަށް ވަނުމަށް ފުލުހުން ހުރަސް އަޅައި ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށާއި، ރައީސް ގުރައިދު އަށް ވަޑައިގަތުމުގެ ކުރިން ގިނަ ފުލުހުންތަކެއް އެ ރަށަށް ފޮނުވައި، އިހްތިޖާޖު ކުރަމުން ދިޔަ މީހުންނަށް ހުރަސް އަޅާފައިވާ ކަމަށް، އިދިކޮޅުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ޔާމީން "ދަ ޕްރެސް" އަށް ވިދާޅުވީ، ކައުންސިލް އިދާރާ އަށް ވަނުމަށް ފުލުހުން ހުރަސް އެޅުމުން އެންމެ ފަހުން އިދާރާ އަށް ވަދެވަޑައިގަންނަވަން ޖެހުނީ ގެއަކަށް ވަދެ، ފާރުމަތިން ފުންމާލައިގެން ކަމަށެވެ.

"އެދިގެން އާދޭސްކޮށްގެން މިތާ ތިބި ފުލުހުން ކައިރީ ވައްދަދޭށޭ ބުނީމަ ނުވެއްދީމަ މިނިސްޓަރު އިމްރާނަށް ގުޅީމަ މިނިސްޓަރު އިމްރާން ވިދާޅުވީ، ވަދެވޭނެ ގޮތެއް އެބަ ހަމަޖައްސަމޭ. އެވަރު ވެގެން އަދި އޭގެ ފަހުން 20 މިނެޓު ވީ އިރު ވެސް ނުވަދެވިގެން އެންމެ ފަހުން މިތާ ހުރި ގެއަކަށް ވަދެގެން އެގޭ ފާރުމަތިން އެންމެ ފަހުން ކައުންސިލް އިދާރާ އަށް ފުންމާލަން ޖެހުނީ،"
ހުސައިން ޔާމީން މުހައްމަދު | ގުރައިދޫ ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ރަށްރަށަށް ވަޑައިގަންނަވާއިރު ކާރުކޮޅު ގެނެސްގެން ދުއްވާފަ ތިބި ކަމަށް ބުނެ، ޖޯކު ޖަހައިފައެވެ. ނަމަވެސް މިއަދު މި ފެނިވަޑައިގަންނަވަނީ އެއާ ދާދި އެއް މަންޒަރެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެވަރުން ނުފުދިގެން 300 ފޫޓް ކައުންސިލް އިދާރާ ދުރަށް ބަންދުކޮށްގެން ފުލުހުން މިތާ އަތުރައިގެން އެތިބީ، ކީއްކުރާނީ ދެއްތޯ؟" ޔާމީން ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ރައީސް ތާއީދު ހޯއްދެއްވުމަށް ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގައި ތިބޭ އިދިކޮޅު ސަޕޯޓަރުން ރައީސް ވަޑައިގަންނަވާ ސަރަހައްދަށް އެއްވެ އިހްތިޖާޖުކުރެއެވެ. އިދިކޮޅުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް ކުރި ހުކުމް ބާތިލްކުރުމަށެވެ.