ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކެމްޕެއިންގެ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮއްސިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާލޭ ރީޖަންގެ ދާއިރާތަކަށް ނިސްބަތްވާ ބައެއް ރައީސުންނާއި ނާއިބު ރައީސުންނާއެކު ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ބައްދަލު ކުރައްވާ ގިނަ ކަންތައްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
އެގޮތުގެމަތިން ޕާޓީގެ ކެމްޕެއިން ޖަގަހަތައް ހުޅުވުމުގެ އިތުރުން ޕަާޓީއަށް މެމްބަރުން އިތުރު ކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ ހިޔާލުތަކާއި މަޝްވަރާތަކެއް ބަދަލު ކުރެވިގެން ދިޔަ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
މާލޭގެ އިތުރުން ރަށްރަށުގައިވެސް ކެމްޕެއިންގެ ހަރަކާތްތައް ފޯރީގައި ކުރިއަށްދާ ކަމަށާއި އެގޮތުން ށ.ފޯކައިދޫ، ޅ.ނައިފަރު، ޅ.އޮޅުވެލިފުށީގެ އިތުރުން ޅ.ކުރެންދޫގައި ޕާޓީގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްތަކެއް ހިންގާފައި ވާ ކަމަށް ބުނެއެވެ. އިތުރަށް ޕާޓީގެ ފަރާތުން ބުނީ ކޮންމެ ދެހަފްތާއަކުން އެއް ހަފްތާ ޕާޓީގެ އާންމު މެންބަރުން ބައިވެރިވެގެން ޖަލްސާ ކުރިއަށް ގެންދާ ކަމަށާއި މިހާރު ކުރިއަށް ދަނީ ހަލުވިކަމާއެކު ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާ ރައްޔިތުންނާ އެ މައުލޫމާތުތައް ހިއްސާ ކުރެވިގެން ދާނެކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކަށް މުހައްމަދު ނާޒިމް ކަނޑައަޅާފައި ވާއިރު އަންނަ މަހު ރަސްމީ ކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް ޕާޓީގެ ފަރާތުން ހާމަކުރިއެވެ.
ވާދަވެރި މާހައުލަކުން ގިނަ ކެންޑިޑޭޓްތަކެއް ވާދަކުރަން ހަމަޖެހިފައިވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން މިހާރު ވެރިކަން ކުރަމުން ދާ މައި ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެނގިގެން ދާނެއެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.