ރ. މާކުރަތުގައި ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫއަށް ގެންދިޔަ ހިލަވެލި ބަާލަން އުޅުމުގެ ތެރޭގައި އެމްޓީސީސީގެ އެކްސްކަވޭޓަރު ފުރޮޅާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އެކްސްކަވޭޓަރު ފުރޮޅާލި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިޔަސް އެ އުޅަނދު ފުރޮޅާލާފައި ވަނީ ހިލަވެލި ގެނައި ދޯޏްޏަށް ކަމުން އެ ދޯޏްނަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ދޯޏީގެ ޕަންޕް ފޮށި ވަނީ ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ސަރަހައްދަށް އިތުރު އެކްސްކަވޭޓަރެއް ގެނެސް ފުރޮޅާލީ އުޅަނދު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

މާކުރަތު ބަނދަރު މަޝްރޫގެ މަސައްކަތަށް ގެނައި ހިލަވެލި ބާލަނިކޮށް އެކްސްކަވޭޓާ ފުރޮޅާލާފައި

މި ހާދިސާ އާ ގުޅިގެން އަދި އެމްޓީސީސީގެ ބަހެއް ނުލިބެއެވެ.

މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ ދަށުން 45,023.84 ކިއުބިކް މީޓަރުގެ ބަނދަރުން ފުންކުރުމާއި 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާއަށް 350 ދުވަސް ތެރޭގައި ނިންމަން ޕްލެނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.