ސްވިޑަންގެ ސްޓޮކްހޯމް ގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި ހަރުކަށި ޕާޓީއަކުން ކުރި މުޒާހަރާއެއްގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ހޫނުވެއްޖެއެވެ.
އިސްލާމީ ޖަމާއަތްތަކާއި، އިލްމިވެރިންގެ އިތުރުން ގައުމުތަކުން އެކަން ކުށްވެރި ކުރަމުން ދާ އިރު، ތުރުވީން ވެސް ވަނީ ނުރުހުން ފާޅުކޮށް އެ ނާތަހުޒީބު އަމަލު ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.
މި ނާތަހުޒީބު އަމަލު ހިންގި ވަގުތަކީ، ސްވިޑަންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ވަޑައިގަތުމަށް ތާވަލު ކޮށްފައި އޮތް ވަގުތެއްވެސް މެއެވެ. ސްވިޑަން އިން ނޭޓޯއަށް ވަނުމަށް ކުރާ މަސައްކަތުގައި ތުރިކީގެ ވޯޓު ބޭނުން ވެއެވެ. ނަމަވެސް ތުރުކީން ވޯޓު ނުދިން މައްސަލައިގައި އެގައުމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކަނާއަތުފިޔައިގެ ހަރުކަށި ޕާޓީއަކުން ޤުއުއާންގެ ކޮޕީ އަންދާ ލުމުން މަޝްރަހު ވަނީ އިތުރަށް ހޫނުފައެވެ.
އެމްބަސީ ކުރިމަތީގައި ޤުރުއާންގެ ކޮޕީ އަންދާލި އިރު އެގައުމުގެ ފުލުހުންވެސް ކައިރީގައި ތިބި ކަމަށާއި ނަމަވެސް އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. މިއާއެކު ސްވިޑްގައި ދިރިއުޅޭ ކުރުދީން ވަނީ އެ އެމްބަސީ ހުންނަ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.
ޤުރުއާން އަންދާލަމުން ހަރުކަރި ލީޑަރު ރަމްސޫސް ޕަލޫދާން ހަރުއަޑުން ގޮވަމުން ދިޔައީ "ހިޔާލުފަޅު ކުރުމުގެ މިނިވަންކަން ނެތްކަމަށް އެދޭނަމަ ކަލޭމެން ކޮންމެވެސް އެހެން ތާކަށް ދޭ" އެވެ.
މިކަމާ ގުޅިގެން ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ، ހިޔާލުފާޅުކުރުމުގެ ނަމުގައި މުސްލިމުންނަށް މަލާމާތް ކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުން ބަލައި ނުގަންނާނެ ކަމަށާއި އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަމަށެވެ. މި މޭރުމުން ސްވިޑަންގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ، އެއީ ހައްދުފަހަނައެޅި އަމަލެއް ކަމަށާއި އެއީ ފްރީޑަމް އޮފް އެކްސްޕްރެޝަން (ހިޔާލުފާޅުކުރުމުގެ މިނިވަންކަން) ނޫން ކަމަށެވެ. އަދި އެއީ އެ ގައުމުގެ ސިޔާސަތެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.
ސްވިޑަންގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކުރުދީން މުޒަހަރާ ކުރި އިރު، ތުރުކީގައި ހުންނަ ސްވިޑަންގެ އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަން ކުރުދީން ދަނީ ތައްޔާރު ވަމުންނެވެ.