ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޯލިޝަން ހައްދަވައިގެން ހުންނެވީ މާ "ބިރުވެރި" މީހުންނާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހުގެ ޓީމަށް ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު މި ފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެމަނިކުފާނަށް ފާޑު ވިދާޅުވެފައި ވަނިކޮށް ގއ މާމެންދޫ ގައި ބޭއްވި ޕްރައިމަރީ ކެމްޕެއިންގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން އަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެއްކަމަށް ވިދާޅުވެ ނަޝީދު ރައީސް ޔާމީނަށް ތައުރީފު ކުރެއްވުމުން މާރިޔާ ވިދާޅުވެފައި ވަނީ މިއަދު އެންމެ ބިރު ގަންނަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށެވެ.
މާރިޔާއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް އިއްތިހާދު ހައްދަވައިގެން ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާ ކަމަށް ވާ އިރު ބިރުވެރީ ކޮން ބައެއްތޯ ސުވާލު ކުރައްވާފައެވެ.
މާރިޔާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ހައްޔަރުކުރި ވާހަކަ ދައްކަވާ ފާޑުވިދާޅުވެފައެވެ. އެކަމަށް ވެސް ނަޝީދު ރައްދު ދެއްވިއެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު 18 މަސް ދުވަސް ވަންދެން ޓިނު ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅުނީ ރައީސް ޔާމީން ނޫން ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ނަޝީދު ހައްޔަރުކޮށް ބަންދު ކުރި ވާހަކަ އަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ ބިރުވެރީ އެމްޑީޕީގެ ސިޔާސަތު ނުހިނގާ، ރައްޔިތުން އެދޭ ބަދަލު ނުގެނެވި ރައްޔިތުން ނިކަމެތިވެދާނެތީ ކަމަށެވެ.