މާލެ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް، ވެމްކޯ، ސޭވް ދަ ބީޗް އަދި ބިދަބީން ގުޅިގެން ރަސްފަންނު ސަރަޙައްދު ސާފުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 279.74 ކިލޯގެ ކުނި ނަގައިފިއެވެ.

ރަސްފަންނު ބީޗް އަދި ފަޅުތެރެ ސާފުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން 12 އަށެވެ.

ޖުމްލަ 40 ފަރާތަކުން ބައިވެރިވި މި ޕްރޮގްރާމުގައި 4 ގަޑިއިރު ތެރޭގައި ތަފާތު އެކި ބާވަތުގެ ކުނި މިސަރަހައްދުން އެއްކުރެވިފައިވާ ކަމަށް ޑައިވް ޑެސްކުން ވަނީ ބުނެފައެވެ.

އެއް ކުރެވުނު ކުނި؛

  • 1673 ޕްލާސްޓިކް ކޮތަޅު
  • 84.1 ކިލޯގެ ޕްލާސްޓިކް ފުޅި
  • 36.60 ކިލޯގެ ފިޝިން ގިޔަރު
  • 4 ކިލޯގެ ރެގިފޯމް
  • 19 ކިލޯގެ ކަރުދާސް
  • 32.45 ކިލޯގެ ފޮތި
  • 12 ކިލޯގެ އަލުމިނިއަމް ދަޅު
  • 36.50 ކިލޯގެ ލަކުޑި
  • 13.5 ކިލޯގެ ބިއްލޫރި
  • 3 ކިލޯ ރަބަރު
  • 4.5 ކިލޯ ދަގަނޑު

ޑައިވް ޑެސްކްގެ މެނޭޖިން ޑިރެކްޓާ އަދި ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް ކޯހުގެ ޑިރެކްޓަރު އާދަމް އަޝްރަފް ވިދާޅުވީ ސާފުކުރުމުގެ ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަޔަސް ކުނި މަދުނުވާ ކަމަށާއި މިފަދަ ޕްރޮގްރާމްތަކަކީ މިކަމުގެ ހައްލު ނޫން ކަމަށެވެ. އަދި މިކަން ހައްލުވާނީ އާއްމުން އިތުރަށް ހޭލުންތެރިކޮށް ކުޅި އެޅުން ހުއްޓާލުމުން ކަމަށެވެ.

ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޑައިވް ޑެސްކުން ވަނީ އިތުރު އެކި ފަރާތްތަކާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ސާފުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ޑައިވް ޑެސްކަކީ މާލޭގައި ޑައިވަރުން ތަމްރީނުކުރަމުން އަންނަ ސެންޓަރެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ހޭލުންތެރި ކުރުވުމަށް ވެސް ޑައިވް ޑެސްކުން މަސައްކަތް ކުރަމުން ދެއެވެ.