ނޮވެމްބަރު 26، 2022 ގައި އެމެރިކާގެ ނިއުޔޯކުން ފުރައިގެން ދިއްލީއަށް ދަތުރު ކުރި އެއާ އިންޑިއާ ފްލައިޓް އޭއައި 102 ގައި އިން ފިރިހެނަކު، އެ ފްލައިޓްގައި އިން އަންހެނެއްގެ ގަޔަށް ފަހަރުވަ (ހީސް) ލީ މައްސަލައިގައި އެއާލައިން ޖޫރިމަނާ ކޮށްފިއެވެ.

ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނީ، އެ މައްސަލަ ހިނގާ ދިޔަ ގޮތް ތަހުގީގު ކުރުމަށް ކުރި މަސައްކަތުގައި މީހުން ހާޒިރު ނުވެ އެއާ އިންޑިއާއިން ފޮނުވީ ތައްޔާރު ކުރި ރިޕޯޓެއް ކަމަށެވެ. އެކަމާ ޑީޖީސީއޭ އިން ހިތްހަމަ ނުޖެހި، އެއާލައިން 30 ލައްކަ ރުޕީސް (37 ހާސް އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށް ކޮމާންޑް ޕައިލެޓުގެ ލައިސަންސް 3 މަހަށް ވަނީ ހިފަހައްޓާފައެވެ.

ޑީޖީސީއޭ އިން ބުނީ، ބޯޓުގައި ފިރިހެނަކު އަންހެނެއްގެ ގަޔަށް ހީސް ލީ މައްސަލަ، ނޮވެމްބަރު 27 ވަނަ ދުވަހު އެ އިދާރާއަށް ލިބުނު ކަމަށެވެ. ނަމަވެސް އެއާ އިންޑިއާ އިން މައްސަލައެއްގެ ގޮތުގައި އެ ހާދިސާ ރިޕޯޓު ކުރީ ޖެނުއަރީ 3، 2023 ގައި ކަމަށާއި އެއާއެކު އެއާ އިންޑިއާގެ މެނޭޖަރާއި އިން ފްލައިޓް ސާވިސްގެ ޑިރެކްޓަރަށާއި އެ ބޯޓުގެ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިންނަށް ނޯޓިސް ފޮނުވި ކަމަށެވެ.

ނަމަވެސް އެއާ އިންޑިއާއިން ފޮނުވީ، ލިޔެ ތައްޔާރު ކޮށްފައި އޮތް އިދާރީ ރިޕޯޓެއް ކަމަށާއި އޭގެ މައްޗަށް ބަލައި ޑީޖީސީއޭ އިން ބުނީ އެއާ އިންޑިއާ އިން ސިވިލް އޭވިއޭޝަން ރިކްއާމަންޓާ ހިލާފު ވި ކަމަށެވެ. އަދި ޕައިލެޓް ވަނީ އެއާ ކްރާފްޓް ރޫލްސް އާ ހިލާފުވެފައި ކަމަށް ނިންމާ އޭނާގެ ލައިސަންސް ހިފެހެއްޓީއެވެ.

މި ހާދިސާގައި އަންހެން މީހާގެ ގަޔަށް ހީސް ލީ ފިރިހެން މީހާ އިނީ ރާ ބޮއެ މަސްތުވެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ އުދުހުންތަކުަގއި ބޭނުން ކުރާ ފްލައިޓް ތަކަކީ، ބަނގުރަލާއި އަލްކަހޯލް (ވައިން) ލިބެން ހުންނަ ފްލައިޓްތަކެވެ. ގަންނާށާއި އަދި ކާ ގަޑިތަކުގައި ހިލޭވެސް ލިބެން ހުރެއެވެ.

ކަމާބެހޭ ފަރާތްތަކުން އެ ފިރިހެން މީހާ އާ ހަވާލާދީ އިތުރަށް ބުނީ ބޮއެގެން މަސްވުވެފައި އިނުމުން އަންހެން މީހާގެ ގަޔަށް ހީސް ލެވުނުކަން އޭނާއަށް ނޭނގޭ ކަމަށެވެ. އޭނާގެ ވާހަކަ މީޑިއާތަކުގައި އާންމުވުމާއެކު ކުރިމަތިވަމުން ދިޔަ ފާޑުކިޔުންތަކާ ގުޅިގެން، އެއާ އިންޑިއާގެ އެ ފްލައިޓުގެ ޕައިލެޓަކާއި ފްލައިޓް އެޓެންޑެންޓުންގެ 4 މީހަކު އެއާ އިންޑިއާއިން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.