ސްރީލަންކާ އަށް މިހާރު ދިމާވެފައި ވާ އިގުތިސޯދީ ކާރިސާއިން އަރައިގަތުމުގައި އިންޑިއާ އިން ވެދޭ އެހީތެރިކަން ފާހަގަ ކޮށް ލަންކާއިން ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.
އިންޑިއާގެ ހަރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު ލަންކާއަށް ވަޑައިގަތުމުން، ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށް ފަހު ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވީ، ލަންކާ ހާލުގައި ޖެހުނު ވަގުތު އިންޑިއާއިން އެހީވެފައި ވާތީ އެކަމަށް ހާއްޝަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. އަދި ލައިން އޮފް ކުރެޑިޓް ނުވަތަ ލޯނުގެ ގޮތުގައި މިހާތަނަށް 4 ބިލިނެއްހާ ޑޮލަރެ އިންޑިއާ އިން ދީފި ކަމަށާއި، ކޮންމެހެން މިވަގުތަށް ބޭނުންވާ އަސާސީ ތަކެތި ހޯދައި އާންމު ހާލަތަށް ރުޖޫއަވުމުގެ ފުރުސަތު ލިބުނީ އެ އެހީއިން ކަމަށެވެ.
ޖައިޝަންކަރު ލަންކާއަށް ކުރައްވާ ދަތުރުގައި އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންގްހަ އާއި އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެއެވެ.
ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަން ފާހަގަ ކުރައްވާ ޖައިޝަންކަރް ވިދާޅުވީ، އުމްރާނީ ތަރައްގީއާއި، ހަކަތައާއި ސިއްހީ ދާއިރާ އާއި ދެގައުމުގެ ދެމެދުގައި އެކިއެކި ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ލަންކާއާއި އިންޑިއާއިން ވަނީ، އިންޑިއާއިން ދީފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުންވެސް މީގެ ކުރިން މަޝްވަރާ ކޮށް ގޮތްތަކެއް ނިންމާފައެވެ. ޗައިނާ ނަގާފައި ލަންކާގެ އެންމެ ބޮޑު ދަރަންޏެއް އޮތީ އިންޑިއާ އަށެވެ. އެ ދަރަނި ރީ ސްޓަރަކްޗާ (ދަރަނި އަންބުރާ ދައްކަން އެއްބަސްވި ގޮތް މުރާޖައާ ކުރުން) ކުރުމުގެ މަޝްވަރާތައް ކާމިޔާބު ކަމާއެކު ނިންމާލި ކަމަށް ރައީސް ރަނިލް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލުތަކެއް ނުދެއްވައެވެ. ނަމަވެސް ލަންކާގެ ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ އިން މާލީ އެހީދޭކަން އެގައުމުން ވަނީ އައިއެމްއެފް އަށްވެސް އަންގާފައެވެ.
ލަންކާއިން އިންޑިއާއަށް 1 ބިލިއަން ޑޮލަރަށް ދަރާފައި ވާ އިރު ބައިނަލްއަގުވާމި މާލީ ބާޒާރުން ލަންކާ ހޯދަން މަސައްކަތް ކުރަމުން ދަނީ 2.9 ބިލިއަން ޑޮލަރެވެ. އަދި މިކަމުގައި ލަންކާއަށް އެހީތެރިވަމުން ދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުންނެވެ.