ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސިރާޖު ވިދާޅުވީ، ރައީސަށް ތާއީދުކުރައްވަން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެންޑިޑޭޓަކާ އެކު ނުކުތުން މުހިންމުކަމަށް ފެންނާތީ ކަމަށެވެ.

މިގޮތަށް ނިންމަވާފައިވަނީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުގެ އެކި ސިޔާސަތުތަކަށް އަދި ސަރުކާރަށް ފާޑުވިދާޅުވި ސިރާޖު ރައީސަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު، ރައީސަށް ތާއީދުކުރެއްވި ބައެއް މެންބަރުން ވަނީ ނަޝީދަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. އަދި ނަޝީދަށް ތާއީދުކުރެއްވި ބައެއް މެންބަރުން ވެސް ރައީސަށް ތާއީދުކުރައްވަން ވަނީ ނިންމަވައިފައެވެ.

މި މަހު 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ތާއީދު ހޯއްދެއްވުމަށް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުންނެވެ.