ތިމާވަށްޓާ ރައްޓެހި (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސް، ވިލިމާލެއަށް ގެންގޮސް ބަހުގެ ހިދުމަތް ދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ވިލިމާލެއަކީ އިންޖީނު އުޅަނދު އާންމުކޮށް ދުއްވުން މަނާ ތަނެއްކަމުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ވިލިމާލެ ރައްޔިތުންނަށް އެތައް ތަކުލީފް ތަކެއް އުފުލަން ޖެހިފައިވަ އިރު، މިއީ ވިލިމާލެ ރައްޔިތުންނަށް އުފާވެރި ހަބަރެކެވެ. މާދަމާ މި ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފައިވާ އިރު، ބަހުގެ ހިދުމަތް ދިނުމަށް ވިލިމާލެއަށް ގެންދިޔަ އީވީ ބަސްތަކަކީ 11 މީހުންނަށް އިށީނދެ ތިބުމުގެ އިތުރުން 4 މީހުންނަށް ކޮޅަށް ތިބެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބަސްތަކެކެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރިއަށް ދަނީ، ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަން ފާހަގަ ކޮށް އެމްޓީސީސީން ބުނީ ބަސް ދުއްވުމަށް ހަމަޖެހިފައިވާ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އެކުންފުނިން ހާމަ ކުރާނެ ކަމަށެވެ.

އެމްޓީސީސީން ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށާ އިރު، މާލެ ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތް ދިނުމަށް ނިންމާފައެވެ. އެގޮތުން މި މަހުގެ ފަހުކޮޅު އެ ހިދުމަތް ދިނުމަށް ބޭނުން ކުރާނެ 10 ބަގީ ގެންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބަސްތައް ވިިލިމާލެއަށް ގެންދިޔުމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކޯފާ އިސްކުރައްވައި، އެމްޓީސީސީން އެކަން ކުރީ ސިޓީ ކައުންސިލްގެ ހުއްދަވެސް ނެތި ކަމަށާއި ބަސްތައް ވިލިމާލެއަށް އަރުވައިފި ކަމަަށެވެ.

އެމްޓީސީސީން މީގެ ކުރިން ބަހުގެ ހިދުމަތް ފޯރުކޮށް ދެމުން އައިސްފައި ވަނީ ހުޅުމާލޭގައެވެ. އަދި މާލެއިން ހުޅުމާލެއަށާއި ހުޅުލެއިން މާލެއާއި ހުޅުމާލެއާ ދެމެދުވެސް ބަހުގެ ހިދުމަތް އަންނަނީ ފޯރުކޮށް ދެމުންނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު އެމްޓީސީސީން ވަނީ މާލެތެރޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައެވެ. ހަމައެއާއެކު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ބަހުގެ އެމްޓީސީސީން ގެންދަނީ ބަހުގެ ހިދުމަތް ފޯރުކޮށް ދެމުންނެވެ.