އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ސްރީލަންކާ އާއި ރާއްޖެއަށް ކުރައްވާ ދަތުރެއްގައި މިއަދު ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

އިންޑިއާގެ ފޮރިން އޮފީހާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، މި ދަތުރުގައި ދެގައުމުގެ ގުޅުން ބަދަލުހުކުރުގެ ދާއިރާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމުގެ އިތުރުން، އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން ޖައިޝަންކަރުގެ މި ދަތުރުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، މިހާރު އުރުރުގެ ރަށްރަށުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި މަހުގެ 20 ގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި ހުންނަވާ އިރު، އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކުގެ ތެރެއިން ނިމިފައި ހުރި ބައެއް މަޝްރޫއު އިފްތިތާހު ކޮށްދެއްވާނެ ކަމަށްވެސް ބޭރުގެ ހަބަރުތައް ބުނެއެވެ. ނަމަވެސް އެ މަޝްރޫއު ތަކުގެ ތަފްސީލުތަކެއް އަދި ނުލިބެއެވެ.

ރާއްޖެއަށް ފަހު ލަންކާއަށް ވަޑައިގަންނަވާ ދަތުރުގައި މާލީ ގޮތުން ލަންކާ އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ. މިހާރުވެސް ލަންކާގެ އެކި ދާއިރާތަކަށް އިންޑިއާއިން 3.9 ބިލިއަން ޑޮލަރުގެ އެހީދީފައި ވެއެވެ. އޭގެ ތެރޭގައި އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށާއި މާލީ ހާލަތު ރަނގަޅު ކުރުމަށާއި ބޭހާއި ކައްކާ ގޭސް އަދި ތެލާއި ކާބޯތަކެތީގެ ދާއިރާތައް ހިމެނެއެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ ގައުމު ބަނގުރޫވި ހާލަތުގައި އެގައުމު ތެލަށް ޖެހުމުން، އިންޑިއާއިން ވަނީ ހުސްވި އަހަރުގެ ފެންރުއަރީ މަހު 500 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމުކޮށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަދައިދީފައެވެ. އޭގެ ފަހުން ހުސްވި އަހަރުގެ އޭޕްރީލް މަހު އިތުރު 200 މިލިއަން ޑޮލަރުގެ ކްރެޑިޓްވެސް ލަންކާއަށް ދިނެވެ.

ރާއްޖެއާއި ލަންކާ ހިމެނެނީ އިންޑިއާއިން ގެންގުޅޭ ނޭބާހުޑް ފަސްޓް ޕޮލިސީގެ ތެރޭގައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކަށައަޅުއްވާފައިވާ ސެކިއުރިޓީ އެންޑް ގްރޯރް ފޯ އޯލް އިން ދަ ރީޖަން (ސާގަރު) ގެ މުހިންމު ބައެއްގެ ގޮތުގައިވެސް ރާއްޖެ އާއި ލަންކާ ވަނި ހިމަނާފައެވެ.

މިހާރު ހިނގަމުން ދާ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ގާތް އެއް ބައިވެރިއަކީ އިންޑިއާއަށް ވާއިރު، އިންޑިއާގެ ކްރެޑިޓް ފެސިލިޓީއާއި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކި ތިލަމާލެ ބްރިޖެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު އަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ވާއިރު މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ. ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 469 މިލިއަން ރުފިޔާ އާއި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ މި ބްރިޖަށް ހަރަދު ކުރާނެއެވެ. އަދި ބްރިޖްގެ މަސައްކަތް އަވަސް ކުރުމުގެ ނަމުގައި އިތުރު 100 މިލިއަން ޑޮލަރުވެސް މިފަހުން ކްރެޑިތް ފެސިލިޓީއެއްގެ ގޮތުގައި ދީފައި ވެއެވެ.