ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި އެމްޓީސީސީން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި ވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ، އެމްޓީސީސީން ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުންދާ ކަމަށާއި، މި ދައުރުގައި ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން މަސައްކަތް ނިންމާފައި ވާނެ ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ މި 4 އަހަރުގައި ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައި އޮންނާނެ، ރައީސްގެ މިދައުރުގައި 4 އަހަރު ތެރޭ ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން ބަނދަރު ނިންމާފަ އޮންނާނީ
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިވަގުތު ވެސް އެމްޓީސީސީން 132 ޕްރޮޖެކްޓު ހިންގަމުން ދާކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ، މިއީ މީގެ ކުރިން ފެނިފައިވާނެ މަންޒަރެއް ނޫން ކަމަށެވެ.

މީގެ ކުރިން ނުދެކެން އެހާ ހަލުވި ސްޕީޑެއްގައި ދިވެހި ރައްޔިތުންނަށް ހިދުމަތްތައް ދިން މަންޒަރެއް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވަނީ ދަތުރުފަތުރުގެ ރޮނގުންނާއި ތަރައްގީގެ މަޝްރޫއުތަކަށް ބެލިޔަސް އެމްޓީސީސީގެ ހިއްސާ ވަރަށް ބޮޑު ކަން ފާހަގަ ކުރައްވާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.