ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ، ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް އެމްއެމްއޭ އާ ބޭންކްތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މިގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް އާމުންނަށް ފޯރުކޮށްދެމުންދާ ޑޮލަރު ދިނުމުގައި ބޭންކްތަކުން އަމަލުކުރަން ޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޓީޓީ ހެދުމުގެ ކަންކަން ލުއިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމާއި ގުޅިގެން ގިނަ ޝަކުވާތައް އައިސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސެންޓްރަލް ބޭންކް އެމްއެމްއޭ އަދި ބޭންކް އޮފް މޯލްޑިވްސް އިން މި ކަމާ ދޭތެރޭ ވިސްނާ މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ބީއެމްއިލް އިން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭ ލެވެލުން ދަށުގެ ކިޔަވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތަށް ހަދާފައެވެ. އެމްއެމްއޭ އިން ނިންމިނިންމުމާއި ގުޅިގެން ބީއެމްއެލް އިން ގނައި މި ބަދަލާ ގުޅިގެން ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ.
އެމްއެމްއޭއިން މަޖިލީހަށް ފޮނުވި މި އަހަރަށް ލަފާކުރާ ބަޖެޓްގައި ބުނެފަވަނީ ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެ އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ބޭރު ފައިސާއިން ހުންނަ ރިޒާވަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ސަރުކާރުގެ ބޭނުންތަކަށް ދޫކުރާ ޑޮލަރު ދޫކުރުން މަދުކުރަން ޖެހިދާނޭ ކަމަށް އެމްއެމްއޭ އން ވަނީ ލަފާކޮށްފައެވެ.