ހއ.އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރުމަށް، ރާއްޖޭގެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތްއިން ހަވާލުކޮށްފައި ވަނީ "ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކާއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު މުހައްމަދު އާދިލްއެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމްއެވެ.

30 އެނދު ހިމެނޭ މި ހޮސްޕިޓަލްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްއަކާއި ސާވިސް ބިލްޑިންގް އެއް އިމާރާތްކުރުން ވެސް މިއެއްބަސްވުމުގައި ހިމެނިފައިވެއެވެ. 18 މަސްދުވަހަށް ބަހާލެވިގެންދާ މި މަޝްރޫއަށް މުޅިއެކު 123،303،792 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫއަކީ މިސަރުކާރުން އިހަވަންދޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަން ފާހަގަ ކޮށްލެވެއެވެ. އޭގެއިތުރުން މީގެ ދެހަފްތާ ކުރިން ރައީސް ސޯލިހް މި މަޝްރޫއަށް އަލިއަޅުވާލާ އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި، ވަރަށް އަވަހަށް ކޮންޓްރެކްޓަރަކާ މި މަސައްކަތް ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާފައިވެއެވެ.

މީގެ އިތުރުން ވެސް ނ. ކެނދިކުޅުދޫ އާއި ޅ.ހިންނަވަރަކީ މި ސަރުކާރުން އަލަށް ހޮސްޕިޓަލްތައް ގާއިމު ކުރަން ނިންމާފައިވާ ރަށްތަކެެވެ. އަދި މި ރައްތަކުގެ މަސައްކަތްތައްވެސް ބާރު މިނެއްގައި ކުރިއަށްދާ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވައެވެ.