ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލްގައި ރިއާލް މެޑްރިޑް ބަލިކޮށް ބާސަލޯނާއިން ތަށި އުފުލާލައިފިއެވެ.
3-1 އިން ރިއާލް ބަލިކޮށް ބާސާއިން މި ތަށި އުފުލާލި އިރު މިއީ ކޯޗު ޒަވީގެ ބެލުމުގެ ދަށުން ޓީމަށް ލިބުނު ފުރަތަމަ ތައްޓެވެ.
ބާސަލޯނާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ގާވީއެވެ. އުމުރުން 18 އަހަރުގެ ގާވީ މި ލަނޑު ކާމިޔާބު ކުރީ ތަޖުރިބާކާރު ސްޓްރައިކަރު ރޮބާޓް ލެވެންޑޯސްކީގެ ޕާހަކުންނެވެ.
ބާސާގެ ދެވަނަ ލަނޑަކީ ގާވީގެ ޕާހަކުން ލެވެންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ. މިލަނޑު އެޓީމުން ޖެހީ ފުރަތަމަ ހާފް ނިމެން ކުޑަތަންވެފައި ވަނިކޮށެވެ.
ދެވަނަ ހާފްގައި ވެސް މޮޅަށް ކުޅެ ދެން ވެސް ލަނޑެއް ޖެހީ ބާސާއިންނެވެ. މިލަނޑުގައި ވެސް ގާވީގެ އަތެއް އޮތް އިރު މިލަނޑު ކާމިޔާބު ކުރީ ޕެޑްރީއެވެ.
މެޗު ނިމެން ދަނިކޮށް ރިއާލްއިން ލަނޑެއް ޖެހި ނަމަވެސް ފަހަތުން އަރާ ސްކޯ ހަމަ ނުކުރެވުނެވެ. މިލަނޑު ރިއާލްއަށް ކާމިޔާބުކޮށް ދިނީ ކަރީމް ބެންޒިމާއެވެ.