ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީގެ ހަތަރު އަވަށަކުން ގޯތި ދޫކުރަން އިއުލާން ކުރައްވާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ހަފްތާގެ ބުރާސްފަތި ދުވަހު މީދޫ އާއި ހުޅުދޫގެ އިތުރުން ފޭދޫ އިން ގޯތި ދޫކުރަން އިއުލާން ކުރައްވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި ހިތަދޫއިން ވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގޯތި ދޫކުރަން އިއުލާން ކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ހިތަދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯތި އިއުލާން ކުރުން ލަސްވެގެން ދަނީ އެ އަވަށުން ގޯތި ދޫކުރުމަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ބައެއް އަވަށްތަކުން ގޯތު ދޫނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މި ފަހަރު ހުޅުދޫ އިން 100 ގޯތި އަދި މީދޫ އިން 100 ގޯތި ދޫކުރުމަށް ވަނީ ހަަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ފޭދޫ ހިއްކި ސަރަހައްދުން 350 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މޭޔަރު ވިދާޅުވީ ފޭދޫގެ ހިއްކިބިމުގެ ބޮޑު ސަރަހައްދެއް ސިނާއީ މަސައްކަތަށް ދޫކޮށްފައި ވާތީ މިހާރު އެ ސަހަރައްދުން ދޫކުރެވޭނީ 350 ގޯތި ކަމަށެވެ.

އައްޑޫ ސިޓީ އިން ގޯތި ދޫކުރުން ލަސްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ކައުންސިލަށް އަމާޒުވެފައި ވާއިރު މީގެ ކުރިން ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތި ދޫކުރުން ލަސްވަނީ އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ނުނިމޭތީ ކަމަށެވެ. މީގެ ކުރިންވެސް އިންތިހާބުތަކާ ދިމާކޮށް އައްޑޫ ސިޓީއިން ގޯތި ދޫކުރަން އިއުލާން ކޮށްފައި ހުރި އިރު، ދިމާވާ އެކި ސަބަބުތަކާ ހެދި ގޯތި ދޫކުރުން ކެންސަލް ކުރެއެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދޫ މީދޫ އިން ގޯތި ދޫކުރުމަށް އިއުލާންކޮށް، ގޯތި ލިބުނު މީހުންގެ ލިސްޓުވެސް އާންމު ކުރިއެވެ. އެހެންނަވަވެސް ގާނޫނުތަކާ ފުށުއަރާ ކަންތައްތަކެއް ހުރުމާއެކު، އެ މައްސަލަ އޭސީސީއަށް ހުށަހެޅުމާ ގުޅިގެން އޭރު ދޫކުރަން ނިންމި ގޯތިތައް ދޫކުރެވޭ ގޮތް ވަނީ ނުވެފައެވެ.