ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު މުހައްމަދު ފައިސަލް ހަމަޖައްސައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން، ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އޭނާގެ ބަދަލަށް އޭރު ހަމަޖެއްސީ ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެ މަޖިލީހުގައި ތިއްބެވޭނީ ޖޭއެސްސީގައި ނުތިއްބަވާ ފަނޑިޔާރުން ކަމަށްވާއިރު އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު ގޮތެއް ނިންމުމުން އެ މައްސަލަތައް ކޯޓަށް ހުށަނޭޅޭނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާއިރު ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށެވެ.

2018 ވަނަ އަހަރުގެ ތެރޭގައި ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުވާކުރެއްވިއިރު ފައިސަލް އަކީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރެއްވި މެމްބަރެކެވެ. އަދި ފައިސަލް މީގެ ކުރިން ވަނީ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ.