މި އަހަރު އޮންނަ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު 9 އަށް ތާވަލު ކޮށްފިއެވެ.

ދާދި ދެންމެ އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބު ދެބުރަކަށް ބާއްވަން ޖެހުނު ނަމަވެސް ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ގައި ބޭއްވުމަށް ފަހު ދެވަނަ ބުރު، ބާއްވާނީ ސެޕްޓެމްބަރު 30 ގައި ކަމަށެވެ.

މި އިންތިހާބަށް ތައްޔާރު ވެފައި ވާ ގޮތާއި އިންތިހާބުގެ ކަންކަން ރޭވިފައިވާ ގޮތް ހާމަ ކުރަމުން އެ ކޮމިޝަނުން ބުނީ، ވޯޓާސް ލިސްޓް އަންނަ މެއި މަހުގެ 2 ވާ އަންގާރަ ދުވަހު އާންމު ކުރާނެ ކަމަށާއި ޖޫން 2 ވާ ހުކުރު ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 3 އަށް ކަމަށާއި ކުރިމަތިލާ ފަރާތްތަކުގެ ނަން ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް 9، 2023 ގައި ކަމަށެވެ. އެއަށް ފަހު ޖެހިގެން އަންނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 7، 2023 ގެ ނިޔަލަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި އިންތިހާބުގައިވެސް މަންދޫބުންނަށް ވުމުގެ ފުރުސަތު ވެސް ދޭނެއެވެ. އަދި ވޯޓުލާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި އިންތިހާބުގައި 50 މީހުން ހަމަވާ ހުރިހާ ރިސޯޓެއްގައި ވޮޓު ފޮށި ބަހައްޓާނެއެވެ. ހުޅުމާލޭގައި 47 ފޮށި، ވިލިމާލެގައި 10 ފޮށި، ރަށްރަށުގައި 327 ފޮށި، ޖަލުތަކުގައި 4 ފޮށި، މާލޭގައި 340 އަށް ވުރެ ގިނަ ފޮއްޓާއެކު މިއަހަރު ޖުމްލަ 600 ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން މިހާރު ވެރިކަން ކުރަމުން ދާ މައި ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެނގިގެން ދާއިރު ޖުމްހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ނުކުންނާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.