ރަޝިއާއިން ޔޫކްރައިންގައި ކުރާ ހަނގުރާމައިގައި ރަޝިއާ ބަލި ނުކުރެވިއްޖެ ނަމަ އޭޝިއާގައި ވެސް އެފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ވިދާޅުވެ އެމެރިކާ އާއި ޔޫރަޕް އަދި ޖަޕާން ގުޅިގެން ޗައިނާ އާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ގޮވާލައްވައިފިއެވެ.
އެމެރިކާއާ ގުޅުން ބަދަހި ކުރައްވަން މިހާރު ވޮޝިންޓަނަށް ވަޑައިގެން ހުންނަވާ، ކިޝިޑާ ވިދާޅުވީ، ޗައިނާގެ ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމަށާއި އެކަން ކުރުމަށް ޔޫރަޕާއި އެމެރިކާ އަދި ޖަޕާން އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އެހެނީ، ބައިނަލްއަގުވާމީ ހަމަތަކާއި ގުޅުންތައް ދެމެހެެއްޓުމުގައި ޗައިނާގެ ވިސްނުން ތަފާތު ކަމަށާއި ޗައިނާ އަކީ އެމެރިކާ އަށާއި ޖަޕާނަށް ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފިނިހަނގުރާމައަށް ފަހު ދުނިޔެ އޮތް ގޮތް، ރޫކްރައިންގެ ހަނގުރާމައިގެ ސަބަބުން މުޅިން ބަދަލުވެގެން ހިނގައްޖެ ކަމަށާއި، މޮސްކޯއިން ބޭނުންކުރާ ބާރާ ކުރިމަތި ލުމުގެ ގާބިލުކަން ނެތިގެން ހިނގައްޖެ ނަމަ، ޗައިނާގެ ފަރާތުން އޭޝިއާ އަށް އެފަދަ ބިރެއް އެބައޮތް ކަމަށެވެ.
ޗައިނާ އާއި ރަޝިއާ އަކީ ގާތް އެކުވެރި ދެގައުމަށް ވާއިރު، މުޅި ހުޅަނގާއި އެމެރިކާ އަދި އޭޝިއާ ބައްރުން އިންޑިއާ ފަދަ ގައުމުތައް ގުޅިގެން ހިންގާ އިއްތިހާދުތަކަށް ވެސް ޗައިނާ އާ ކުޅެލުމަށް ވަނީ ނުކުޅެދިފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ވަރުގަދަ އިގުތުސޯދަށް ވުމުގެ އިތުރުން ދުނިޔޭގެ އެންމެ ބައިބޯ ގައުމަށް ވުމާއި އެންމެ ބިޔަ އަސްކަރިއްޔާއެއް އޮތް އެއް ގައުމަށް ޗައިނާ ވުމުގެ އިތުރުން އެގައުމުގެ ވިފަރާރީގެ ނުފޫޒުގެ ކުރިމަތީގައި އެހެން ގައުމުތަކަށް ވާދަ ނުކުރެވުމަކީ ވެސް އޮތް ބިރެކެވެ.
ކިޝީޑާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކޮށް ދެމަހައްޓަން ގައުމުތަކުން އެއްބަސްވެގެން ތިބި ހަމަތައް، ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ނެތިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ޗައިނާއާއި ޖަޕާން ހިއްސާކުރާ ކަނޑުގެ ސަރަހައްދުގައި އޮންނަ ޖަޒީރާތަކުގައި ޗައިނާއިން އަސްކަރީ ހަރަކާތްތައް ހިންގުމަކީ ކަނބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
ކިޝީޑާ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ވެސް ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކަށް ފަހު ބައިޑަން ވިދާޅުވީ، އެމެރިކާއިން އޮންނާނީ އަބަދުވެސް ޖަޕާނާ އެކުގައި ކަމަށާއި ޖަޕާނުގެ ދިފާއު ވަރުގަދަ ކުރުމަށް ހުސްވި މަހު އެގައުމުން އިއުލާން ކުރި މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ޗައިނާގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖަޕާނުގެ އަސްކަރީ ގާބިލުކަން އިތުރުކޮށް ދިފާއު ވަރުގަދަ ކުރުމަށް 55 ބިލިއަން ޑޮލަރު ޑިފެންސް ބަޖެޓަށް އިތުރު ކުރަން އެގައުމުން ވަނީ ނިންމާފައެވެ. އަދި ޒަމާނީ ދިފާއީ ނިޒާމެއް ގާއިމުކުރާ ވާހަކަވެސް އޮތީ އިއުލާން ކޮށްފައެވެ.