މިދިޔަ މަހު ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑްކަޕް މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާ ޓީމުގެ ޑިސިޕްލިން މައްސަލަތަކެއް ބަލަން ފަށާފައިވާ ފީފާއިން ބުނެފިއެވެ.

1986 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ ތަށި ފުރަތަމަ ފަހަރަށް އާޖެންޓީނާއިން އުފުލާލި އިރު އެޓީމުން ފައިނަލްގައި ބަލިކުރީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސެވެ. މެޗުގެ 120 މިނެޓްގެ ކުޅުން ހަމަވީ އިރު 3-3 އިން ސްކޯ އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މައްސަލަ ބަލަމުންދާ ކަން ފާހަގަކޮށް ފީފާއިން ބުނެފައިވަނީ ފައިނަލްގައި އާޖެންޓީނާގެ ޓީމުގެ ފަރާތުން ބޭ އަދަބީ އަމަލުތަކާ ހަރަކާތްތައް ފެނިގެން ދިޔަ ކަމަށާއި ފެޔާ ޕްލޭ ގަވައިދުތަކާ އެޓީމުން ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މީގެ ތެރޭގައި ކުޅުންތެރިންނާ އޮފިޝަލުން ވެސް ފާހަގަކުރެވޭ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ވޯލްޑްކަޕް ޗެމްޕިއަން ކަމުގެ އިތުރުން މުބާރާތުގައި ދޭ އެންމެ ޝަރަފުވެރި 4 އެވޯޑްގެ ތެރެއިން 3 އެވޯޑެއް އާޖެންޓީނާގެ ކުޅުންތެރިންނަށް ލިބުނު އިރު މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހޯދި އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒް ވަނީ އެވޯޑް ލިބުނު ތަނުން އެވޯޑް ބޭނުންކޮށްގެން ބޭއަދަބީ ހަރަކާތްތަކެއްކޮށްފައެވެ.

އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒަށް އެންމެ މޮޅު ކީޕަރުގެ އެވޯޑް ލިބުމަށް ފަހު/ފޮޓޯ: ފީފާ

މީގެ އިތުރުން، ތަށި ލިބުމަށް ފަހު އާޖެންޓީނާގެ ޓީމުން އުފާ ފާޅުކުރުމަށް ބޭއްވި ހަރަކާތްތަކުގައި މާޓިނޭޒް ވަނީ ފްރާންސްގެ ފޯވަޑް ކިލިއަން މަމްބާޕޭއަށް މަލާމަތްކޮށް ހަދާފައެވެ. މިގޮތުން ބުދެއްގައި މަމްބާޕޭގެ މޫނު ހަރުކޮށްގެން މާޓީނޭޒް އުފާ ފާޅުކުރަމުން ދިޔަ އިރު އާޖެންޓީނާގެ ސަޕޯޓަރުންގެ ބަޔަކު ވަނީ މަމްބާޕޭގެ ފޮޓޯ އަންދާވެސް ހަދާފައެވެ.