ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫން ފަށައިފިއެވެ.

މި ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިއުލާން ކުރަން ރާވާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ "ވޯލްޑް ކަޕް ފޯރި 2022" ކެމްޕައިނުގެ ދަށުން ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތުގެ އިތުރުން މި ލަކީ ޑްރޯގެ ބައިވެރިންނަށް ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އަދި ތަފާތު އިނާމު ލިބޭނެ ކަމަށެވެ.

މި ލަކީ ޑްރޯ އިއުލާންކުރީ އުރީދޫގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިއްޔެ ހެންވޭރު ދަނޑުގައި އޮތް ހާއްސަ ހަރަކާތުގައެވެ. އަދި އެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އަދި އުރީދޫގެ ސީއީއޯ ހާލިދު އަލްހަމާދީއެވެ.

އިއްޔެ ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ފިޔަވަތީގެ 50 ކުދިން ވަނީ ގައުމީޓީމުގެ ފަސް ކުޅުންތެރިންނާ އެކު ފުޓުބޯޅަ މެޗެއް ކުޅެފައެވެ.

ފިޔަވަތީގެ ކުދިންނާއެކު ކުޅެވުނު މެޗު/ ފޮޓޯ: އުރީދޫ

އުރީދޫއިން ބުނީ އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނާއި ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނާއި އުރީދޫ ބިލް ޕޭމެންޓްގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމާއި އެމްފައިސާގެ ހިދުމަތް ބޭނުން ކުރުން ފަދަ އުރީދޫގެ ހިދުމަތްތައް ބޭނުން ކުރާ ހުރިހާ ކަސްޓަމަރުން ވެސް އެ ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކްކޮށް ވެވޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭ އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް އެ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.