ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވުމުން މީޑިއާ އާއި އެހެން ގޮތްގޮތުން ފައްޔާޒާ ދިމާ ކުރިޔަސް އާއިލާއާ ދިމާ ނުކުރަން އޭނާ އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮމިނޮމިކް މިނިސްޓަރު ފައްޔާރު އިސްލާއީލް ވަނީ، އޭނާގެ އަނބިދަރިންނާ މަގުމަތިން ދިމާ ކުރާކަމަށް ވިދާޅުވެ، އެކަން ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ސޯޝަލްމީޑިއާ ގްރޫޕުގައި ރައީސް ނަޝީދު ވަނީ، މިނިސްޓަރު ފައްޔާޒާއި އަދި އޭނާގެ އާއިލާއާ ޒާތީކޮށް ދިމާ ނުކުރާން ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. ނަޝީދުގެ އެ އެދިވަޑައިގަތުމަށް ޝުކުރު އަދާކުރައްވާ ފައްޔާޒު ވިދާޅުވީ، އެކަމުގައި ނަޝީދުގެ ކެމްޕެއިން ޓީމަށް އެމަނިކުފާނު އިރުޝާދު ދެއްވިކަން އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ.

ފައްޔާޒަކީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާއިރު، ހިނގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލީޑާޝިޕްގެ އެހެން ބޭފުޅުންނާ ހިލާފަށް އޭނާ މާބޮޑަށް ބައިވެރިވަޑައިގެން އުޅުއްވާތަނެއް ނުފެނެއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަަމަށް ވާއިރު، ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ވަކި ކޮޅެއް ނުނަންގަވާން ވެގެން އޭނާ ހަނު ހުންނަވަނީ ކަމަށް ބެލެވެއެވެ. ނަމަވެސް ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ އަދި ރައީސް ސޯލިހުގެ ސަޕޯޓަރެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވާ އިރު، ދެ ރައީސުންގެ ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ފޯރިގައެވެ. މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ދެ ރައީސުން ނިސްބަތްވާ ފެކްޝަންތަކުން އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ގިނަ ހަމަލާތައް ދޭ އިރު ދެ ރައީސުންވެސް، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހަމަލާތައް ދެއްވައެވެ.

އެގޮތުން، ރައީސް ސޯލިހަށް އަމާޒު ކުރައްވައި ރައީސް ނަޝީދު ވަނީ، އެއީ ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށާއި 4 އަހަރު ވެގެން ދިޔައިރު ތަރައްގީގެ މަސައްކަތެއް ނެތް ތާނގައި ރަށްރަށުގައި ވެސް ހުރީ "އަކުންބަކުން ކުޅެން ޖަހާފައި ހުރި ބޮޑެތި ވެލިފުނިތަކެއް" ކަމަށެވެ. އަދި މާލޭގައިވެސް ކަމެއް ނުކުރެވުމުގެ އިތުރުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދޭން ބުނި ގޯތިތައްވެސް ހުރީ ކަނޑު އަޑީގައި ކަމަށް ވިދާޅުވެފައެވެ.

ރައްދުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، މިއަހަރުގެ މެދުތެރޭގައި މާލެ ސަރަހައްދުގެ މީހުންނަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށާއި އެއީ ކޮންމެހެން ވޯޓާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ނަޝީދު އެހުރިހާ ވާހަކަތަކެއް ދައްކަވަނި "ވެރިކަން، ވެރިކަން ވެރިކަން" ބޭނުންފުޅު ވެގެން ކަމަށާއި އެނޫން ކަމެއް ނަޝީދަށް ފެނިވަޑައިނުގަންނަވާ މޭރުމަކުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ 57،714 މެންބަރުންނަށް ވޯޓުލެވޭނެއެވެ.