ގިނަ ފަތުރުވެރިންނާއި އާންމުން ބ. އަތޮޅުގެ ރަށްރަށަށާއި ރިސޯޓުތަކަށް ދިއުމަށް ބޭނުންކުރާ މައިގަނޑު އެއް ބަނދަރަކީ އެ އަތޮޅުގެ ދަރަވަންދޫގެ އެތެރޭގެ ވައިގެ ބަނދަރެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަނުން ބަލަހައްޓާ އެ އެއާޕޯޓުން މާލެ އަށް އަދި މާލޭން އެ އެއާޕޯޓަށް ދުވާލަކު 7 އަށް ވުރެ ގިނަ ފްލައިޓް ދަތުރުކުރެއެވެ.
ދަރަވަންދޫ އެއާޕޯޓުން ދަތުރުކުރާ ގިނަ ފަސިންޖަރުންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ އެތަނުގައި ފިނިކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމެވެ. ޓާމިނަލްގައި ފަންކާ ހުރި ނަމަވެސް، އެތަނުގައި އޭސީއެއް ހަރުކޮށްފައި ނެތެވެ.
މިކަމާ ގުޅިގެން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި ކައުންސިލުން ވެސް މި މައްސަލަ ފާހަގަކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ކަންބޮޑުވުން ހިއްސާކޮށްފައި ވާނެއެވެ.
އޭގެ އިތުރުން އެ އެއާޕޯޓުގައި ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަން ވެސް ފާހަގަކުރައްވައި ސަމީހް ވިދާޅުވީ، އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށްޓަކައި ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނެތް ނަމަވެސް، އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ޕީއާރު އަދި ކޮމިއުނިކޭޝަންސް މެނޭޖަރު އަހްމަދު މުޝްއިލް ސޮބާހު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ކުންފުނިން ވެސް ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ތެރޭގައި ފިނިކުރެވޭނެ ނިޒާމެއް ނެތް މައްސަލަ ފާހަގަކޮށްފައިވާނެ ކަމަށާއި، އެ މައްސަލަ އަށް ހައްލެއް ގެނެވޭތޯ މަސައްކަތްކުރަމުން ދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގަ ހަމަ އެއަށް ސޮލިއުޝަނެއް އަޅުގަނޑުމެން ގެންނާނަން." މުޝްއިލް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ހައްލުކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓުގެ އިތުރުން، ރާއްޖޭގައި 17 އެއާޕޯޓެއް ހިންގައެވެ. އޭގެ ތެރެއިން ފަސް އެއާޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓުތަކަށް ވާއިރު، 13 އެއާޕޯޓެއް ހާއްސަކޮށްފައި ވަނީ އެތެރޭގެ އުދުހުންތަކަށެވެ.