މާފަންނުގައި ހުންނަ އިވްނިން ކެފޭ ބަދިގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ހާދިސާގައި ރޯވި އަލިފާންގަނޑުގެ ދުންތައް މާލެތެރެއަށް ފެތުރެމުން ދާއިރު އެ ސަރަހައްދުން މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ރެޑްކްރެސެންޓާއި ފުލުހުންގެ އެހީގައި އެނދަކަށް ލައިގެން ގެންދިޔައީ އުމުރުން ދުވަސް ވީ މީހެކެވެ.

ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ވެފައި ވީ ނަމަވެސްް އަދިވެސް ކޮންމެވެސް ވަރަކަށް ދުން އަރާއެވެ.

އިވްނިން ކެފޭގައި އަލިފާން ރޯވެފައި ވަނީ ސީދާ ކިހާއިރަކު ކަމެއް އަދި އެނގިފައި ނުވި ނަމަވެސް އެތަނުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފެށީ އިރުއޮއްސުނު ވަގުތުއެވެ.

މިއަދު އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު މިދިޔަ ހޯމަ ދުވަހު ހެނދުނު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ވަނީ އަނދާ ހުލިވެފައެވެ. އަދި އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ގދ. ފިޔޯރީ ސްކޫލު ހޯލު އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަންވެސް ވަނީ އަނދާހުލިވެފައެވެ. މި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަން ރާއްޖެއިން ބޭރުގެ ފޮރިންސިކް ޓީމެއް ގެނެސް ތަހުގީގު ކުރަންވެސް ވަނީ ފަށާފައެވެ.